އަންހެނެއްގެ ހުއްދަނެތި ފޮޓޯނެގި މައްސަލައެއްގައި ކުށްވެރިވި މީހަކު 20،000 ދިރުހަމުގެ ބަދަލު ދިނުމަށް ކޯޓުން ޙުކުމްކޮށްފިއެވެ. ޔޫއޭއީގެ ކޯޓުން ވަނީ މި މައްސަލައިގައި ކޮށްފައިވާ ޖިނާއީ ދަޢުވާގެ ދަށުން 10،000 ދިރުހަމުން ޖޫރިމަނާވެސް ކޮށްފައެވެ.
ޖުރިމާނާ ދޭން ޖެހުނީ ދައުވާގެ މަދަނީ ބަޔަށެވެ. އެއީ އަންހެން މީހާގެ ހުއްދަނެތި ފޮޓޯނެގުމުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށެވެ.
ކޯޓުން ބުނީ މި ކަމުގެ ސަބަބުން އަންހެން މީހާއަށް ލިބިފައިވާ މާނަވީ ގެއްލުމުގެ ތެރޭގައި ޢިއްޒަތާއި ޝަރަފަށް އުނިކަން ލިބުމާއި ނަފްސާނީ ވޭން ތަހައްމަލު ކުރަން ޖެހުން ހިމެނެއެވެ.
"މައްސަލަ ހުށަހެޅި ފަރާތުގެ އަބުރަށް މުޖުތަމަޢުގެ ތެރޭގައި އުނިކަން އައިސްފައިވާކަންވެސް ފާހަގަކުރެވެއެވެ. އޭނާގެ ހުއްދަނެތި ފޮޓޯނެގުމުން، އޭނާ ބަދުނާމުވެ، ނަފްސާނީ ގޮތުން އަސަރުކޮށް، އިންސާނީ ކަރާމާތަށް އުނިކަން އައިސްފައިވެއެވެ،" ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި ދަޢުވާ ރައްދުވާ ފަރާތަށް މައްސަލައިގެ ޚަރަދުތަކާއި ވަކީލުންގެ ފީވެސް ދައްކަންޖެހޭނެ ކަމަށް ކޯޓުން ނިންމިއެވެ.





