މަސްޖިދުއްނަބަވީގެ އިސް ޤާރީ ޝައިޚް ބަޝީރު އަޙްމަދު ޞިއްދީޤު އަވަރާވެއްޖެއެވެ. އޭނާއަކީ މި ޒަމާނުގައި ޤިރާއަތުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އިލްމު ވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނާ ބޭކަލެކެވެ. ޝައިޚް ބަޝީރު އަޙްމަދު ޞިއްދީޤު މިއަދު ފަތިހު އަވަހާރަވިއިރު ޢުމުރުފުޅަކީ އެންމެ 90 އަހަރެވެ. ﷲގެ ފޮތުގެ ޚިދުމަތުގައި އަދި 10 ޤިރާއަތު އުނގަންނަވައި ދެއްވުމުގައި ޝެއިޚު ޞިއްދީޤް ވަނީ 60 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައެވެ. މި ޢިލްމުވެރިޔާ އަވަހާރަވީ ސަޢޫދީ ޢަރަބިއްޔާގައެވެ.
އިންޑިއާއަށް އުފަން ބަޝީރު އަޙްމަދު ޞިއްދީޤު މަދީނާއަށް ހިޖުރަކުރެއްވީ ޅައުމުރު ފުރައިގައެވެ. އަދި ޝައިޚް ބަޝީރު އަޙްމަދު ޞިއްދީޤު އެމަނިކުފާނުގެ މުޅި ޙަޔާތްޕުޅު ވަޤްފުކުރެއްވީ މަސްޖިދުއްނަބަވީގައި ކީރިތި ޤުރްއާން އުނގަންނަވައިދެއްވުމުގެ މަސައްކަތުގައެވެ. އެމަނިކުފާނުގެ އަރިހުން ޤުރުއާނުގެ ޢިލްމު އުނގެނިވަޑައިގަތް ފާހަގަކޮށްލެވޭ ދަރިވަރުންގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް މުޙައްމަދު އައްޔޫބާއި، މަސްޖިދުލް ޙަރާމްގެ އިމާމު ޝައިޚް ޢަލީ ޖާބިރު ހިމެނިވަޑައިގަންނަވައެވެ.
ޝައިޚް ބަޝީރު ފާހަގަކުރެވި ފައިވަނީ ޤުރްއާނުގެ ރިވާޔަތްތައް އުނގަންނައިދެއްވުމުގައި ވަރަށް ދަޤީޤު ބޭކަލެއްގެ ގޮތުގައެވެ. އަދި އިސްނާދުތައް ހިފެހެއްޓެވުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވި ބޭކަލެކެވެ. މިކަމުގެ ސަބަބުން ބަޝީރު އަޙްމަދު ޞިއްދީޤު އަކީ 10 ޤިރާއަތުގެ ޢިލްމުގައި އިތުބާރުހުރި މަރުޖަޢެއް ވެސް މެއެވެ.
އެމަނިކުފާނުގެ އަވަހާރަވިކަމުގެ ޚަބަރު އިއުލާން ކޮށްފައި ވަނީ މިއަދު ފަތިހު އެވެ. އަދި ފަތިސް ނަމާދަށްފަހު މަސްޖިދުއްނަބަވީގައި ޖަނާޒާ ނަމާދު ބާއްވާފައި ވެއެވެ. ޢިލްމުވެރިންނާއި، ދަރިވަރުންނާއި އެމަނިކުފާނަށް ލޯބިވާ އެތައް ބަޔަކު ޖަނާޒާގައި ބައިވެރިވިއެވެ. މިއީ އެމަނިކުފާނުގެ ޢިލްމީ އަދި ރޫޙާނީ މަޤާމު ދައްކުވައިދޭ މަންޒަރެކެވެ. إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ