2026ގެ ވޯލްޑް ކަޕްގައި ބޭނުން ކުރާ ބޯޅަ ދައްކާލައިފި

ފީފާއިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ މެޗު ބޯޅަ ދައްކާލައިފިއެވެ. މިފަހަރުގެ ވޯލްޑް ކަޕް އޮންނާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގައެވެ.

ފީފާއިން ދައްކާފައިވާ ބޯޅައަކީ، މަތީ ފެންވަރުގެ ޓެކްނޮލޮޖީ އޭގައި ހިމެނޭ ފުރިހަމަ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ބޯޅައެކެވެ. ޓްރިއޮންޑާ ނަމަކަށް ކިޔާ މި ބޯޅަ ފަރުމާކޮށްފައިވަނީ 1970 ވަނަ އަހަރުގެ މުބާރާތުން ފެށިގެން ވޯލްޑް ކަޕްގެ ރަސްމީ ބޯޅަތައް ފޯރުކޮށްދޭ ޖަރުމަނުގެ އުފެއްދުންތެރި ކުންފުނި އެޑިޑާސް އިންނެވެ.

ބުރާސްފަތި ދުވަހު ނިއުޔޯކުގައި ބޭއްވި އިވެންޓެއްގައި ބޯޅަ ދައްކާލާފައި ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ތިން ގައުމަކުން އިންތިޒާމްކުރާ ފުރަތަމަ ވޯލްޑް ކަޕްގައި 48 ޓީމެއް ވާދަކުރާ އިރު، ރަތް، ނޫ އަދި ފެހި ކުލަތައް ހިމެނޭ ބޯޅައިގެ ނަމާއި ޑިޒައިން ގެ ޚިޔާލު އައިސްފައި ވަނީ އެ 3 ގައުމުންނެވެ. ކޮންމެ ހޯސްޓް ގައުމަކުން އެގައުމެއްގެ ޚާއްސަ އެއްޗެއް އޭގައި ހިމަނާ ފައި ވެއެވެ. އެގޮތުން މެޕަލް ފަތްތަކާއި، މެކްސިކޯގެ އީގަލް އަދި އެމެރިކާގެ ތަރިތައް ވެސް ފެނިގެންދެއެވެ.

ބޯޅައިގައި ހިމެނޭ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރޭގައި ބޯޅަ ވައިގެ ތެރޭގައި އުޅޭއިރު އޭގައި ހިމެނޭ "އޮޕްޓިމަލް އިން-ފްލައިޓް ސްޓެބިލިޓީ" އިން ވައިގެ ތެރޭގައި ބޯޅައިގެ ހިފެހެއްޓުން ރަނގަޅުކޮށްދޭނެއެވެ. އަދި ހަރަކާތްތައް ދަނެގަންނަ މޯޝަން ސެންސަރު ޗިޕަކުން ބޯޅައިގެ ހަރަކާތުގެ މައުލޫމާތު ދުރަށް ފޮވާއިރު އެއިން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ސިސްޓަމަށް ބޭނުންވާ ޑޭޓާ ލިބޭނެއެވެ.

މި ބޯޅަ ދައްކާލުމަކީ ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ ނޯތު އެމެރިކަން ވޯލްޑް ކަޕްގެ ކައުންޓްޑައުންއަށް އަޅާ އިތުރު ފިޔަވަޅެކެވެ. ފީފާއިން ވަނީ އޮންލައިންކޮށް ޓިކެޓް ވިއްކުގެ އުސޫލުތައްވެސް ކަނޑައަޅާފައެވެ. މުބާރާތުގެ ގުރުއަތުލުން އޮންނާނީ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ވޮޝިންޓަންގަ އެވެ.

ހިއްސާ ކުރައްވާ!