އިނގިރޭސި ދުވަހު ނޫސް ޑެއިލީ ޓެލެގްރާފުން ވަނީ ހަމާސް ގެ އައު ޖީލަކުން ޔަހޫދީންގެ ޓެރަރިސްޓް ހަމަލަތަކާ ހިތްވަރުގަދަ ކަމާއެކު ކުރިމަތިލާ ކަމަށް ބުނެ ޒުވާން ޖީލަށް ތައުރީފް ކޮށްފައެވެ. ޣައްޒާގެ ތައްލުލް ހަވާ ސަރަހައްދުން އެ ނޫހުން ހޯދި މަޢުލޫމާތުގައި، ވަނީ ޔަހޫދީ ޓެރރިސްޓް ސިފައިންނާ ހަމާސްގެ އައު ޖީލުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ވަރުގަދަ ހަމަލަތަކުގެ ތަފްސީލުތައް ހާމަކޮށްފައެވެ. އިސްރާއީލުގެ ޓެެރަރިސްޓް އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާއި މަރުތަކުގެ ސަބަބުން ޔަހޫދީންގެ އަގު ވަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ވަރަށް ބޮޑަށް ވެއްޓިފައެވެ.
އެ ނޫހުން ބުނެފައި ވަނީ ހަމާސްގެ އައު ޖީލުގެ ހަނގުރާމަވެރިންނަކީ ކުރީގެ ހަނގުރާމަވެރިންނާ އަޅާބަލާއިރު ތަޖުރިބާ މަދު ބަޔެކެވެ. ނަމަވެސް، އެމީހުން ތަރުބިއްޔަތުކޮށްފައި ވަނީ ވަރަށް ހަރުދަނާ ނިޒާމަކަށް ކަމަށާއި އެމީހުންނަކީ ރޭވުންތެރި ކަމާއެކު އިންތިހާއަށް ކެތްތެރި ކަމާއެކު މަސައްކަތްކުރާ ބައެއްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ބުނެފައި ވަނީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޙަމާސްގެ މި ހަނގުރާމަވެރިން އިސްރާއީލުގެ ޓެރަރިސްޓް ސިފައިންގެ ބަލިކަށި ދިމަދިމާތައް ދެނެގަނެ، އެކަންކަމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފަމުންދާކަމަށްވެސް އެ ނޫހުން ވާހަކަ ދެއްކި މުހައްލިލުންނާ ހަވާލާދީ ރިޕޯޓު ކޮށްފައި ވެއެވެ.
ޔަހޫދީ ޓެރރިސްޓުން ވަނީ ޣަައްޒާގެ ތައްލުލްހަވާ ސަރަހައްދުގެ ގިނަ އިމާރާތްތައް ހަލާކު ކޮށްފައެވެ. މި ތަންތަން ވެފައި ވަނީ ހަމާސްގެ އަމާޒަށް ބަޑި ޖަހާ ޒުވާން ޖީލުގެ ސްނައިޕަރުން ފޮރުވިގެން ތިބެ ޔަހޫދީން ބިރުގަންނަވާލައި އެމީހުންނަށް ކާމިޔާބު ހަމަލަތައް އަމާޒު ކުރާ ތަންތަނެވެ. މި ހަމަލަތަކުގެ ކާމިިޔާބު މިންވަރަކީ، މީގެ ދެ ހަފްތާ ކުރިން އިސްރާއީލު ސިފައިންގެ 36 ވަނަ ޑިވިޜަންގެ ކޮމާންޑަރު އާރް.ޕީ.ޖީ ހަމަލާއަކުން ނައްތާލާފައި ވުމެވެ.
އެ ނޫހުން އިތުރަށް ރިޕޯޓު ކޮށްފައިޥާ ގޮތުގައި ޓްރަމްޕްގެ (އަމިއްލަ އެދުން ބޮޑު) ސުލްހައިގެ ޕްލޭނަކީ ޣައްޒާގެ ރައްޔިތުން ދެކޭގޮތުގައި އިންސާފުވެރި ޕްލޭނެއް ނޫނެވެ. އަދި ހަމާސްއިން އެމީހުންގެ ހަތިޔާރު ބެހެއްޓުމަކީ ކުރާނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި މިހާރު ހަނގުރާމަ ހުއްޓާލުން މިވަގުތަށް ބުއްދި ވެރިއެވެ. އެއީ މިހާރުވެސް ޣައްޒާގެ ރައްޔިތުން އެކަމަށް ބޮޑު އަގެއް ދައްކާފައިވާތީއާއި އަރަބިންނާއި މުސްލިމު ލީޑަރުން ޔަހޫދީންނާއި އެމެރިކާއަށް ދީލާލާފައިވާތީ ކަމަށް ބުނެއެވެ.






