ޕާކިސްތާނުގައި އަފްޣާން ދަންނަބޭކަލަކު ބަޑިޖަހައި މަރާލައިފި

ޕާކިސްތާނުގައި ހުޅަނގު-އުތުރު ސަރަހައްދު ކަމަށްވާ ޕެޝާވަރު ސިޓީގައި އަފްޣާން ދީނީ އިލްމުވެރިއަކަށް ގޮތް ނޭނގޭ ބަޔަކު ވަނީ ބަޑިޖަހައި މަރާލައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާން ރެފިއުޖީންނާ މެދު އަޅަމުންދާ ފިޔަވަޅުތަކާ ހެދި ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޚާމާ ޕްރެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އަފްޣާން ރައްޔިތުން ގިނައިން ދިރިއުޅޭ ޕެޝާވަރުގެ ހިސާބެއްގައެވެ. މަރާލެވުނު މީހާގެ ނަމާއި މަރުގެ ސަބަބު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި މަރު ހިނގާފައިވަނީ ޕާކިސްތާނުގައި ދިރިއުޅޭ އަފްޣާން ރައްޔިތުންނާ ދެކޮޅަށް ސިލްސިލާ ހަމަނުޖެހުންތަކެއް ހިންގައި ދެކޮޅުވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ހާދިސާއާ ގުޅިގެން އެހިސާބުގެ ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް މީހަކު މިކަމާ ގުޅިގެން ހައްޔަރުކޮށްފައެއް ނުވެއެވެ. މި ހަމަލާއާ ގުޅިގެން އިންސާނީ ހައްގުތައް ވަކާލާތުކުރާ ފަރާތްތަކުން ވެސް ވަނީ  ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި، ޠާލިބާނުގެ ވެރިކަމަށް ތާއީދު ނުކުރާ އަދި ކާބުލްއިން ފިލައިގެން އައިސްފައިވާ އެތައް ރެފިއުޖީންނަކަށް މިހާރު ދިމާވަމުންދަނީ ނުރައްކާތެރި ހާލަތްތަކެވެ. އަދި އެމީހުން އަމާޒުކުރެވޭ ހަމަލާތަކާއި ސިޔާސީ ބޭނުންތަކަށް އެމީހުން އަމާޒުފަތްގަނޑަކަށް ހެދުން ވަނީ ކުށްވެރިކޮށްފައެވެ.

ޕާކިސްތާނުގައި މިލިއަނަކަށްވުރެ ގިނަ އަފްޣާން ރެފިއުޖީންނަށް ވަނީ ހިމާޔަތް ދީފައެވެ. އެތައް ބަޔަކު ދިރިއުޅެނީ ހާލަތު ދަށް، ޤާނޫނީ ހިމާޔަތް މަދު މާހައުލެއްގައެވެ. ފަހަކަށް އައިސް ސަރުކާރުން ވަނީ އަފްޣާން ރެފިއުޖީންނާ ދެކޮޅަށް ފިޔަވަޅުތައް އަޅައި އެމީހުން ޤައުމުން ބޭރުކުރުމުގެ ކެމްޕޭންތަކެއް ފަށާފައެވެ. އެކަމުގެ ސަބަބުން މި ދެ ބައި މީހުންނާއި ދައުލަތުގެ އޮފިޝަލުންނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެފައިވާކަން ފާހަގަކުރެވެއެވެ.

ދީނީ އިލްމުވެރިޔަކު މަރާލުމަކީ އަފްޣާން ރެފިއުޖީންނާ މެދު މުޖުތަމައުގައި ދެކޮޅުވެރިކަން އިތުރުވަމުންދާ ކަމެއްކަން ދައްކާ ކަމަށާއި އެކަމަސް ސަރުކާރުން ފިޔަވަޅު އެޅުމަށްވސް އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ގޮވާލާފައި ވެއެވެ.

އެޖަމާޢަތްތަކުން ގޮވާލަމުންދަނީ ރެފިއުޖީންގެ ރައްކާތެރިކަމާއި އިއްޒަތް ކަށަވަރުކުރުމަށްޓަކައި އަވަސް އިސްލާޙުތަކެއް ގެނެސް، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބެލުމުގެ ދަށުން މިކަންކަން ކުރިއަށް ގެންދިއުމަށެވެ.

ހިއްސާ ކުރައްވާ!