ހަމާސް: ޔަހޫދީ ސިފައިން ފޭބުމާއި އަސީރުން މިނިވަން ކުރުމާ ގުޅުވައިފި

މިސްރުގެ ޝަރަމުއްޝައިޚުގައި ބާއްވާފައިވާ 2 ވަނަ ދުވަހުގެ މަޝްވަރާތައް ކުރިއަށް ދިޔައީ 4 ގަޑި އިރަށެވެ. ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އިސްލާމީ ހަމާސް ޖަމާއަތުން، މެދުވެރިން ގެ އެހީތެރިކަމާއެކު ޔަހޫދީންނާއެކު ބެއްވި މަޝްވަރާތަކުގައި ސާފު ކޮށް ބުނެފައި ވަނީ ވަގަށްނަގާފައިވާ ފަލަސްޠީނު މީހުން ދޫކޮށްލަން ޖެހޭނެ ކަމަށާއި ޔަހޫދީ ހަނގުރާމައިގެ އަސީރުން މިނިވަން ކުރާނީ ޔަހޫދީ ޓެރަރިސްޓް ސިފައިން ފޭބުމާ ގުޅުވައިގެން ކަމަށެވެ. އަދި އެންމެ ފަހު ޔަހޫދީ އަސީރު ދޫކޮށްލާނީ ޣައްޒާއިން އެންމެ ފަހު ޔަހޫދީ ޓެރަރިސްޓް ސިފައިންގެ މީހާ ފޭބުމުން ކަމަށްވެސް ހަމާސްއިން ވަނީ ސާފުކޮށް ބުނެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާތަކުގައި ކުރިއެރުން ހޯދި ކަމަށް ބުނެފައެވެ.

އެމެރިކާ އާއި އިސްރާއީލުގެ މަސްދަރުތަކުން އެމެރިކާގެ ވެބްސައިޓް އެކްސިއޯސް އަށް ކިޔައިދިން ގޮތުގައި މިއަދު އޮތް ދެވަނަ ދުވަހުގެ މަޝްވަރާތަކަކީ ފަންނީ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެކެވެ.

މި މައްސަލައާ ގުޅޭ ގޮތުން އިސްލާމީ ޖިހާދުގެ އަސްކަރީ ޖަމާއަތް އަލްޤުދުސް ބްރިގޭޑްން ބުނީ "ދުޝްމަނުންގެ ހަނގުރާމައިގެ އަސީރުންނަށް ދުނިޔޭގެ އަލިކަން ފެންނާނީ ހަނގުރާމަ ނިންމާލުމަށް ވައުދުވެ އަސީރުން ބަދަލު ކުރުމަށް އެއްބަސްވުމުން" ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ކެކުޅުމަށް ލުޔެއް ނުލިބޭ ގޮތަށް އެއްވެސް ކަމަކަށް އެއްބަސް ނުވެވޭނެ ކަމަށްވެސް ޤުދުސް ބްރިގޭޑުން ބުންޏެވެ.

ހިއްސާ ކުރައްވާ!