ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމުން ޣައްޒާގައި ތިބޭ ޔަހޫދީން ސަޕޯޓު ދީގެން ގެންގުޅޭ ފަލަސްޠީނުގެ އަބޫޝަބާބް ޓެރަރިސްޓް ޖަމާއަތާ މެދު ޢަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން އިސްރާއީލް ސިފައިންނާއި ޔަހޫދީ ޖާސޫސީ އިދާރާ ޝަބާކް އާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. ޝަބާކްއިން ހުށަހަޅަނީ މި ޓެރަރިސްޓް ޖަމާއަތުގެ މެންބަރުން ޣައްޒާގެ ސަރަޙައްދުން ޔަހޫދީން ދަނޑުވެރިކަމަށ ްހިފާފައިވާ ސަރަހައްދުގެ ތެރޭގައި ހުންނަ ބަންދު ކޭމްޕްތަކަކަށް ބަދަލުކުރާށެވެ.
ދެކުނު ސަރަޙައްދުގެ ކޮމާންޑަރު ވަނީ މި ހުށަހެޅުމާ ދެކޮޅުހަދާފައެވެ. އޭނާ ބުނެފައި ވަނީ މި މީހުންގެ ފަރާތުން އިސްރާއީލީ އާންމު ރައްޔިތުންނަށް ނުރައްކަލާ ކުރިމަތި ވެދާނެ ކަމަށެވެ. ޚާއްޞަކޮށް ހަމާސްއިން މިމީހުންނަށް އަފޫއާންމެއް ދީފާނެ ކަމުގެ ޔަޤީންކަން ލިބުމާއެކު މި މީހުންގެ ތެރެއިން ބައެއް މީހުން ފިލާފައިވާކަން އިސްރާއީލުގެ ޖާސޫސީ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
އިސްރާއީލުން މިހާރު ޤާއިމްކޮށްފައިވާ ޓެރަރިސްޓް ޖަމާއަތަށް އިސްރާއީލުގެ ހަތިޔާރުގެ ބަދަލުގައި ދޭން ނިންމާފައި ވަނީ ހަމާސްއާއި ހިޒްބުﷲ ގެ އަތުން ހޯދާފައިވާ ހަތިޔާރެވެ. މި ޓެރަރިސްޓުންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ޖާސޫސްކުރުމާއި މަޢުލޫމާތު އެއްކުރުމާއި، ހަމާސްއާއި އިސްލާމިކް ޖިހާދުގެ މެންބަރުން ނެތް ސަރަޙައްދުތައް މޮނިޓަރކުރުމާއި، ހިޖުރަކޮށްފައިވާ ރައްޔިތުން ތިބި ސަރަޙައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.






