ޔަހޫދީން ހުޅަނގު އައްސޭރިވެސް ފަނާކޮށްލަނީ

އިޒްރޭލުން ޣައްޒާއަށް ދެ އަހަރު ވަންދެން ކުރަމުންދާ ޖެނޮސައިޑް ހަނގުރާމައިގެ އިތުރުން، ހުޅަނގު އައްސޭރީގެ އިޤްތިޞާދަށް ވެސް ވަނީ ނުހަނު ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މިގޮތުން 7 އޮކްޓޯބަރ 2023 އިން ފެށިގެން އިޒްރޭލަށް މަސައްކަތަށް ވަދެ ނުކުމެ އުޅުނު 200،000 އަށްވުރެ ގިނަ ފަލަސްތީނު މަސައްކަތްތެރިންނަށް އެ ފުރުސަތު ގެއްލިފައިވެއެވެ.

ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިޒްރޭލުން ޤާއިމްކޮށްފައިވާ 1000 އަށްވުރެ ގިނަ ޗެކްޕޮއިންޓްތަކުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތިވެ، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. މިކަމުގެ ސަބަބުން ވަޒީފާ ނެތް މީހުންގެ ނިސްބަތް ވަނީ 55 އިންސައްތައަށް މައްޗަށް ގޮސްފައެވެ.

އަމިއްލަ ވިޔަފާރިތަކަށް 2024 ގެ ނިޔަލަށް 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. ޓޫރިޒަމް ދާއިރާ 90 އިންސައްތަ ވަނީ ހީނަރުވެފައެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ޓެކްސް ފައިސާއިން 10 ބިލިއަން ޝެކެލް (3 ބިލިއަން ޑޮލަރު) ހިފަހައްޓާފައިވުމުގެ ސަބަބުން ފަލަސްތީނު ސަރުކާރުގެ އޮތޯރިޓީއަށް މުވައްޒަފުންގެ މުސާރަ ދިނުމަށްވެސް ދަތިތަކާ ކުރިމަތިވެފައިވެއެވެ.

މި އިޤްތިޞާދީ ހަނގުރާމައިގެ އިތުރުން، އިޒްރޭލު ސިފައިންނާއި ޤާނޫނާ ޚިލާފަށް ދިރިއުޅެމުންދާ ޒަޔަނިސްޓް ޔަހޫދީ މީހުން ފަލަސްތީނު އާންމު ރައްޔިތުން މަރަމުންދާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!