ޔަހޫދީ ޓެރަރިސްޓް ސިފައިން ހުޅަނގު އައްސޭރީގެ ޚަލީލު ސިޓީ ސަރަހައްދުގައި ހިމެނޭ ދޫރާ ސިޓީގެ އައްތަބަޤާ އަވަށަށް ވަދެ، ފަލަސްތީނު މީހެއްގެ ގަޔަށް ބަޑި ޖަހައިފިއެވެ. އަދި އެމްބިއުލާންސްތަކަށް އޭނާއަށް އެހީ ވުމަށް ދިއުންވެސް އޮތީ މަނާކޮށްފައެވެ. މީގެ އިތުރުން ޚަލީލު ކައިރީގައިވާ ތައްފޫހު އަވަށުން ފަލަސްތީނުގެ ފޮޓޯގްރާފަރ އިސްރާ އަޝްރަފް ޚަމީސް ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން ޔަހޫދީ ޓެރަރިސްޓް ސިފައިން ވަނީ ދެކުނު ލުބަނާންގައި ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރ އާރާސްތުކުރުމަށް ބޭނުންކުރާ އާލާތްތައް ރައްކާކޮށްފައި ހުރި ގުދަނެއް ކަމަށް ބުނާ ތަނަކަށް ބޮން އަޅާފައެވެ. ހިޒްބުﷲ ގެ އަލްމަނާރު ޓީވީން ދައްކާފައިވާ މަންޒަރުތަކުގައި، ސާއިދާ ސަރަހައްދުގެ އައްނަޖާރިއްޔާ އަށް ދިން ހަމަލާއިން ބޮޑު ގެއްލުމެއް ލިބިފައިވާތަން ފެންނަން ހުއްޓެވެ.
ހިޒްބުﷲގެ މީޑިއާއިން ބުނެފައިވާ ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ބުލްޑޯޒަރުތަކާއި އެކްސްކަވޭޓަރުތައް ބަހައްޓާފައިޥާ ޝޯރޫމަކަށެވެ.






