ޕާކިސްތާނާއި އަފްޣާން ސިފައިން ހަމަލަތައް ބަދަލުކޮށްފި

އަފްޣާނިސްތާނާއި ޕާކިސްތާން ވަކި ކުރާ ޑުރާންޑް ލައިން ސަރަހައްދުގައި ހުރި ޕާކިސްތާނު ސިފައިންގެ އެތައް ޕޯސްޓްތަކެއް ތާލިބާނުންގެ ސިފައިން ހިފައިފިއެވެ. ހޮނިހިރު ދުވަހު ދެފަރާތުން ހަމަލާ ބަދަލުކޮށްފައި ވެއެވެ. އަދި މި ހަމަލާގައި ޕާކިސްތާނު ސިފައިންގެ 12 މީހަކު މަރުވެފައިވެއެވެ. އަފްޣާން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ މިއީ ފަހަކަށްއައިސް ކާބުލް ކައިރިއަށް ޕާކިސްތާނުން ދިން ވައިގެ ހަމަލައަށް ދިން ރައްދެކެވެ.

ކުނާރު، ހަލްމަންޑް އަދި ޕަކްޓިއާ ފަދަ އެތައް ސަރަހައްދެއްގައި ދެ ފަރާތުން ހަނގުރާމައިގެ އަމަލުތައް ހިންގާފައިވެއެވެ. ޚާއްސަކޮށް ސާލިހާން ސަރަހައްދުތަކުގައި ގަދަ ހަމަލަތައް ބަދަލުކޮށްފައި ވެއެވެ. އަފްޣާން އޮފިޝަލުން ބުނާގޮތުގައި ޕާކިސްތާނުގެ އަސްކަރީ ވަސީލަތްތަކެއް ހަލާކުކޮށް، ހަތިޔާރާއި އުޅަނދުތައް އަތުލައިގަނެފައިވެއެވެ.

ޕާކިސްތާނުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ޕާކިސްތާނުގެ ސަލާމަތީ ފަރާތްތަކުން ބުނެފައިވަނީ އެމީހުންގެ ފުރިހަމައަށް ރައްދު ދެމުންދާ ކަމަށެވެ. މިއީ 2021 ގައި ތާލިބާނުން ވެރިކަމަށް އައި ފަހުން ބޯޑަރުގައި ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުމެވެ.

ހިއްސާ ކުރައްވާ!