ސައުތު އެފްރިކާގެ ރައީސް ސިރިލް ރަމަފޯސާ ވިދާޅުވަނީ ޣައްޒާގައި ޖެނޮސައިޑް ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަކީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގައި އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ ޖެނޮސައިޑްގެ މައްސަލައަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރުގައި ސައުތު އެފްރިކާއިން އައިސީޖޭއަށް މި މައްސަލަ ހުށަހެޅިއެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރުގައި 500 ސަފުހާގެ ތަފްސީލީ ލިޔުމެއް ވެސް ހުށަހަޅާފައިވެއެވެ. އިސްރާއީލުން މި މައްސަލައަށް ޖަވާބުދާރީވާން ޖެހެނީ 2026 ވަނަ އަހަރުގެ ޖަނަވަރީ 12 ގެ ކުރިންނެވެ. އަދި އަނގަބަހުން ދިފާއުގައި ވާހަކަ ދެއްކުމުގެ އަޑުއެހުންތައް 2027 ގައި ބޭއްވުމަށް ލަފާކުރެވެއެވެ.
އައިސީޖޭއިން މިހާތަނަށް ނެރެފައިވާ ތިން ވަގުތީ އަމުރުގައި ވެސް އިސްރާއީލުން ޖެނޮސައިޑްގެ ޢަމަލުތައް ހުއްޓުވުމަށާއި ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް އަންގާފައިވެއެވެ. ނަމަވެސް އިސްރާއީލުން މި އަމުރުތަކަށް ތަބާވެފައެއް ނުވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޣައްޒާގައި ޝަހީދުކޮށްފައިވެއެވެ.





