ޔޫރަޕްގެ ޓެރަރިސްޓުން ޕާކިސްތާންގައި ތިބި ކަމަށް ތާލިބާނުން ތުހުމަތު ކުރޭ

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވަނީ ޕާކިސްތާނުގެ މަސްތޫންގް ސަރަހައްދުގައި ހުރި ދާއިޝް ޚުރާސާން ކޭމްޕަކުން ޔޫރަޕިއަން ޖަމާއަތުގެ ގައުމުތަކުގެ ޕާސްޕޯޓުތަކެއް ފެނިފައިވާ ކަމަށެވެ.

މުޖާހިދު ވިދާޅުވި ގޮތުގައި ޔޫރަޕުގެ ޤައުމުތަކުގެ ރައްޔިތުން އެތެރެ ވެފައި ވަނީ ކަރާޗީ އަދި އިސްލާމާބާދު އެއަރޕޯޓު މެދުވެރިކޮށެވެ. އަދި މަސްތޫންގްއަށް ގެންގޮސް އެތަނުގައި އެމީހުންނަށް އަސްކަރީ ތަމްރީނު ދެމުންދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ވިދާޅުވެއެވެ. އަދި މި ފަރާތްތަކުން އެކި ޤައުމުތަކަށް ހަމަލާ ދިނުމުގެ ރޭވުންތަކެއް އެކުލަވާލާފައިވާ ކަމަށް ވެސް އޭނާ އިންޒާރު ދެއްވައެވެ.

ޠާލިބާން ސަރުކާރުގެ ސްޕޯކްސްޕާސަން އިތުރަށް ވިދާޅުވީ ދާއިޝް ޚުރާސާންގެ އިސްވެރިޔާ ޝިހާބް އަލްމުހާޖިރު އާއި އެ ޖަމާއަތުގެ ލީޑަރޝިޕް ޕާކިސްތާނުގައި ތިބިކަންމާއި އެމީހުންގެ ހަރަކާތްތައް ހިންގަމުން ގެންދާކަން މިޙާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި ދެ ގައުމުގެ ސަލާމަތީ ބަރުތަކާ ދެމެދު ހަތިޔާރު ބޭނުންކޮށްގެން ގަދަ އަށް ހަމަލަތައް ބަދަލު ކުރަމުން ދެއެވެ. މިހާރު ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެގެން ގޮސްފައިވެއެވެ.

ހިއްސާ ކުރައްވާ!