އާޖެންޓީނާގެ ރައީސް ޖަވިއަރ މިލެއި ވަނީ ހިފާފައިޥާ ފަލަސްޠީނުގައި ހަދާފައިވާ އާޖެންޓީނާގެ އެމްބަސީ 2026 ވަނަ އަހަރު ޓެލް އަވީވުން ހިފާފައިވާ ފަލަސްޠީނުގެ ވެރިރަށ ްކަމަށްވާ ޤުދުސްއަށް ބަދަލުކުރުމަށް ނިންމާފައެވެ. އޭނާ މިކަން އިއުލާން ކުރީ ޔަހޫދީންގެ ގާނުނު ހަދާ މަޖިލިސް ކެނެސެޓްގައި ދިން ތަޤްރީރެއްގައެވެ.
މިހާރު އާޖެންޓީނާގެ އެމްބަސީ ހުރީ ޓެލް އަވީވް ކައިރީގައިވާ ހަރްޒްލިޔާގައެވެ. މި ބަދަލާއެކު އާޖެންޓީނާ ވެގެންދާނީ ޒަޔަނިސްޓުން ހިފާފައިވާ ޤުދުސްއަކީ ޔަހޫދީންގެ ގައުމުގެ ވެރިރަށް ކަމުގައި ބަލައިގަންނަ މަދު ޤައުމުތަކުގެ ތެރޭގައެވެ. މީގެ ތެރޭގައި އެމެރިކާ، ގުއެޓެމާލާ، ހޮންޑިއުރަސް އަދި ކޮސޯވޯ ހިމެނެއެވެ.
މި ނިންމުމަކީ ހިފާފައިވާ ޤުދުސްގެ ހައިސިއްޔަތާ މެދު އޮތް ބައިނަލްއަޤްވާމީ ބަހުސް އަލުން އައު ވެގެންދާނެ ކަމެކެވެ. ޔަހޫދީން ދެކެނީ ޤުދުސްއަކީ އެމީހުންގެ ވެރިރަށް ކަމަށެވެ. ނަމަވެސް، ފަލަސްޠީނާއި ދުނިޔެއިން ދެކެނީ އިރުމަތީ ގުދުސްއަކީ މުސްތަޤްބަލުގައި އުފެދޭ ފަލަސްޠީނު ދައުލަތުގެ ވެރިރަށް ކަމުގައެވެ. ގިނަ ޤައުމުތަކުން އެމްބަސީތައް ބަހައްޓަނީ ޓެލް އަވީވްގައެވެ.





