ސުވީޑަންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތުންބަރގް، ވަގަށް ނަގައިގެން ޔަހޫދީން ޖަލުގައި ގެންގުޅުނު އިރު އޭނާއަށް ޖިސްމާނީ އަނިޔާކޮށް، ނަފްސާނީ ގޮތުން ގަނާކޮށް އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ކުރިމަތިލާން ޖެއްސިކަމަށް ބުނެފިއެވެ. ތުންބަރގް ބުނާ ގޮތުގައި އޭނާއަށް ޖެނޮސައިޑް ފޯސް އިން ވަނީ ކަރުނަގޭސްވެސް ޖަހާފައެވެ. މިކަން ހިނގާފައިވަނީ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާ ގެ އުޅަނދުތައް ކަނޑު ފޭރިގަނެ އޭގައި ދަތުރުކުރި މީހުން ވަގަށް ނެގުމަށް ޒަޔަނިސްޓުން ހިންގި އޮޕަރޭޝަންގައެވެ.
މި ފުޅަނދުގައި ދަތުރުކުރި 450 އެކްޓިވިސްޓުންގެ ތެރެއިން އެކަކު ކަމުގައިވާ ތުންބަރގް، ވަގަށް ނެގީީ އޮކްޓޯބަރު 1 ވަނަ ދުވަހު އެވެ. އަދި ވަގަށް ނެގިތާ 5 ދުވަސް ފަހުން ޑިޕޯޓްކުރިއެވެ. ސުވީޑިޝް ނޫސް އެފްޓަންބްލާޑެޓްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ވަގަށް ނަގާފައި ބެހެއްޓި އިރު ތަޅައި، އެއަތް ފުރަގަހަށް ލައި ބަނދެފައި ބެހެއްޓި ކަމަށެވެ. އަދި ކުރިމަތީގައި ތިބެގެން ހުތުރުބަސްތައް ބޭނުންކޮށް ފުރައްސާރަކޮށް، އިސްރާއީލުގެ ދިދަ ގައިގައި އަޅުވައި، ފެން ނުދީ ބެހެއްޓި ކަމަށެވެ. އަދި ވަގަށް ނެގި އެހެްނ މީހުންނަށްވެސް އިހާނެތިކޮށް ހިތައި ހެދި ކަމަށާއި ފަލަސްތީނުގެ މީހުންނަށް، އިހާނެތިކޮށް ކަންތައް ކުރަމުންދިޔަ މަންޒަރު ފެނުނު ކަމަށްވެސް ބުނެފައިވެއެވެ.
މި ތުހުމަތުތަކާ ގުޅޭގޮތުން ޒަޔަނިސްޓުންގެ ޖެނޮސަިއޑް ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. މި ފްލޮޓިލާގެ މިޝަން ކުރިއަށް ގެންދިޔައީ އިސްރާއީލުން ޖެނޮސައިޑް ހިންގުމުގެ ތެރޭގައެވެ.





