ޕާކިސްތާން ސަރުކާރާ ދެކޮޅަށް ޓެެރަރިސްޓް ހަމަލަތައް ދޭ ލައްބައިކަ ޔާރަސޫލުﷲ ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމުގައި ޕާކިސްތާނުން ދަނީ ފަސް ޖެހެމުންނެވެ. ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވެފައިވަނީ ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ ޕާޓީގެ އަނިޔާވެރި މުޒާހަރާތަކާ ގުޅިގެން، ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ. އަދި ދީނުގެ ނަމުގައި އުފެދިފައިވާ ހަރުކަށި ޖަމާއަތްތަކަކީ އެއްވެސް ދައުލަތަކަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ތަހުރީކޭ ލައްބައިކަ ޔާރަސޫލުﷲ އަކީ އެއް ޒަމާނެއްގައި ޕާކިސްތާނު ސިފައިންގެ ތާއީދު ލިބިގެން ހަރަކާތްތެރިވި ޖަމާއަތެކެވެ. އަދި ފްރާންސްގައި ރަސޫލާއަށް ކާޓޫނު ކުރެހުމާ ގުޅިގެން އެމީހުން ވަރުގަދަ މުޒާހަރާތައް ބޭއްވުމުން މަގްބޫލު ވެފައިވާ ބައެކެވެ.
ޕާކިސްތާންގެ މަރުކަޒީ ސަރުކާރަށް ތަހުރީކޭ ލައްބައިކަ މަނާ ކުރުމަށް އެދި ހުށަހަޅާފައި ވަނީ ޕަންޖާބު ސަރުކާރުންނެވެ. ޕަންޖާބު ސަރުކާރުން އެ ފިޔަވަޅު އެޅުމަށް ނިންމީ، އެ ސަރަހައްދުގައި ހިނގި އަނިޔާވެރި މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެންނެވެ. އަދި ޕަންޖާބުގެ އިންފޮމޭޝަން މިނިސްޓަރ އަޒްމާ ބުޚާރީ ވިދާޅުވެފައިވަނީ ދެ ދުވަހެއްގެ ތެރޭގައި ތަހުރީކޭ ލައްބައިކަ މަނާކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ދިފާއީ ވަޒީރު އާސިފް އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ޖަމާއަތްތައް އުފެދި، ހިތްވަރު ލިބިފައިވަނީ އެތައް އަހަރެއް ވަންދެން ދައުލަތުން އެމީހުންނަށް ހިތްވަރު ދިނުމުން ކަމަށާއި، އެ ޖަމާއަތްތައް އުފެއްދީ ކޮން ބަޔަކު ކަމާއި، ކޮން ބޭނުމެއްގައި އުފެއްދި ބަޔެއްކަން އެންމެންނަށް އެނގޭ ކަމަށް ވިދާޅުވެ ނުސީދާކޮށް ސިފައިންނަށް އޭނާ ފާޑު ވިދާޅުވިއެވެ. އަދި މީގެ ފަހުން ދައުލަތް ހިންގާނީ ގާނޫނާއި، ގަވާއިދުތަކާއި، ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.







