ޕާކިސްތާނުން އަފްޣާނިސްތާނުގެ އިދިކޮޅު ފަރާތްތަކަށް ޕާކިސްތާނުގެ ސަރަހައްދުގައި އޮފީހެއް ހުޅުވުމުގެ ހުއްދަ ދިނުމަށް ރާވަމުންދާކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަވެއްޖެއެވެ. މިއީ ޠާލިބާނުންގެ ވެރިކަމަށް ކުރިމަތިކުރާ ގޮންޖެހުމެއް ކަމަށް ބެލެވެއެވެ.
ޕާކިސްތާނުގެ ސިފައިންގެ އިސްވެރިން، އަދި ވަކިން ޚާއްޞަކޮށް ފީލްޑް މާޝަލް އާސިމް މުނީރު، ވަނީ ދެ ގައުމުގެ ދެމެދު ކަން ހިނގަމުންދާ ގޮތާ ހެދި ޠާލިބާނުންނާމެދު ހިތްހަމަނުޖެހުން ފާޅު ކުރައްވާފައެވެ. އަދި އޭނާ ދެކެވަޑައިގަންނަވަނީ ތާލިބާނުގެ އިދިކޮޅު ފަރާތްތަކަކީ އިންޑިއާއާ ދެކޮޅަށް ބަފަރެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ބައެކެވެ. ޠާލިބާނުން ވަނީ އިންޑިއާއާއެކު ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށް، ޕާކިސްތާނާ ދުރުހެލި ވެފައިވެއެވެ.
2021 ގައި ޠާލިބާނުން ވެރިކަމާ ހަވާލުވިއިރު، ޕާކިސްތާނުގެ ގިނަ އިސްވެރިން މިއީ އިސްތިރާޖީ ކާމިޔާބީއެއް ކަމަށް ބެއްލެވިއެވެ. ނަމަވެސް ޠާލިބާނުން ވަނީ ޕާކިސްތާނުގެ ނުފޫޒަށް ބޯލަނބައި ނުލައި އަފްޣާނިސްތާނަކީ ޕާކިސްތާނުގެ ދަށުގައި އޮންނަ ޤައުމަކަށް ހެދުމަށް ކުރި މަސައްކަތަށް އިންކާރު ކޮށްފައެވެ.
މިހާރު ޕާކިސްތާނުގެ ސިފައިންނާއި އިންޓެލިޖެންސް އޭޖެންސީތަކުން ކުރީގެ އަފްޣާން ސަރުކާރުގެ އިދިކޮޅު ލީޑަރުންނާއި ނޯދަން އެލަޔަންސްގެ މެންބަރުންނަށް ސިއްރު އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި ސިޔާސަތުގެ ސަބަބުން އަފްޣާނިސްތާނު އަލުން ހަމަނުޖެހުމަކަށް ވެއްޓިދާނެކަމުގެ އިންޒާރު ދީފައި ވެއެވެ.





