ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ހުއްޓުމަށްފަހު ފުރަތަމަ ޑިޕްލޮމެޓިކް ދަތުރުފުޅެއްގެ ގޮތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އެރްދުޣާން ވަނީ ކުވެއިތު، ޤަތަރު އަދި އޮމާނަށް ރަސްމީ ދަތުރުފުޅެއް ފައްޓަވާފައެވެ. ބުރާސްފަތީގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުތަކުގެ ވެރިންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ މައިގަނޑު އެއް މަޤްޞަދަކީ ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ވަގުތީ ގޮތުން ހުއްޓުވުމަށްފަހު އެ ސަރަޙައްދުގެ ހަމަޖެހުން ދެމެހެއްޓުމަށާއި، އިންސާނީ އެހީތެރިކަން އިތުރުކުރުމަށާއި، އަދި ޔަހޫދީން ފަނާކޮށްފައިވާ ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާތައް ބޭއްވުމެވެ. ޣައްޒާގެ ޖެނޮސައިޑްގެ ފަހު ދުވަސްތަކުގައި ތުރުކީވިލާތުން ވަނީ ޖެނޮސައިޑް ދައުލަތް އިސްރާއީލާއެކު ކުރަމުން ދިޔަ ވިޔަފާރިތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައި އަސްކަރީ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށްޓަކައި 3 ގައުމާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ދިފާޢީ ދާއިރާއާއި، ހަކަތަ، އިންވެސްޓްމަންޓް އަދި އުމްރާނީ ތަރައްޤީގެ ދާއިރާތައް ހިމެނެއެވެ.




