އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ޔަހޫދީ ދައުލަތާ ދެކޮޅަށް ނެރޭ 3 ވަނަ އަމުރު މިއަދު

އ.ދ ގެ ސެކްރެޓަރީ ޖެނެރަލްގެ ޑެޕިއުޓީ ސްޕޯކްސްޕަރސަން ފަރުހާން ހަޤް ވިދާޅު ވަނީ ޣައްޒާގައި ޔަހޫދީ ޖެނޮސައިޑުން ވިއްސިވިހާލި ކޮށްފައިވާ ފަލަސްޠީނު މީހުންގެ ހިޔާވަހިކަމަށް ބޭނުންވާ އެހީގެ ތަކެތި އިތުރަށް ވެއްދުމަށް އިސަރާއީލުން ހުއްދަ ދޭން ޖެހޭނެ ކަމަށެވެ. ޖެނޮސައިޑް ވަގުތީ ގޮތުން ހުއްޓާލުމަށް އެއްބަސްވުމަށްފަހުވެސް ޔަހޫދީން ދަނީ އެހީގެ ގާފިލާތައް ވަނުން މަނާ ކުރަމުންނެވެ. ޚާއްސަކޮށް ފިނިމޫސުން ފެށެން ކައިރިވެފައިވާއިރު ފޭލިގެ ތަކާއި ހޫނު ކުރުމަށް ބޭނުންވާ ސާމާނު އިތުރަށް ލިބުމުގެ މުހިންމު ކަން ފަރުހާން ވަނީ ފާހަގަ ކުރައްވާފައެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކުގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އދގެ އެހީދޭ ޖަމުއިއްޔާ އުންރުވާއިން ވަނީ އިތުރު ކޮށްފައެވެ. ޚާން ޔޫނިސްގެ ސަރަހައްދުގައި 300 ޓެންޓާއި 14،700 ރަޖާ ބޭނުން ޖެހިފައިވާ އަދި ހިޖުރަކޮށްފައިވާ އާއިލާތަކަށް ބަހާފައިވާ ކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

އަނެއްކޮޅުން މިއަދު ބުދަ ދުވަހު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ޔަހޫދީ ދައުލތާ ދެކޮޅަށް އަމުރެއްނެރޭނެ ކަމަށްވެސް ބެލެވެއެވެ. މި އަމުރަކީ ޖެނޮސައިޑް ހިންގާ އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން މަނާކުރުމާ ގުޅޭގޮތުން ޔަހޫދީން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވެފައިވުމާ ގުޅިގެން ނެރޭ އަމުރެކެވެ. މިއީ ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ޔަހޫދީން ފެށި ފަހުން މިކޯޓުން އިސްރާއީލާ ގުޅޭގޮތުން ނެރޭ ތިންވަނަ އަމުރެވެ. ޔަހޫދީންނަކީ އުޑުން އައިސްފައިތިބި ބަޔެއްކަމަށް ބުނެ އެމީހުން ދަނީ ކޯޓުގެ ނިންމުންތައް ބޮލާލައި ޖަހަމުންނެވެ.

ހިއްސާ ކުރައްވާ!