ޕާކިސްތާނުން އަފްޣާން ރެފިއުޖީން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް

ޕާކިސްތާނުގެ ކަރާޗީ ސިޓީ ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، އެއްވެސް ޤާނޫނީ ހުއްދަ ނެތި ދިރިއުޅެމުންދިޔަ 45 އަފްޣާނިސްތާނުގެ ރައްޔިތުން ވަނީ ހައްޔަރުކޮށްފައެވެ. މި ސަރޗް އޮޕަރޭޝަން ކުރިއަށް ގެންދިޔައިރު، އެ ސަރަހައްދުގެ އެތެރެއަށް ވަދެ ނުކުންނަ މަގުތައް އޮތީ ބަންދުކޮށްފައެވެ. އަދި މި އޮޕަރޭޝަންގައި ފުލުހުންގެ ބޮޑު ލަޝްކަރެއް ބައިވެރިވެފައިވެއެވެ. ހައްޔަރުކުރެވުނު އަފްޣާން ރައްޔިތުންނަކީ އެމީހުންގެ ވަނަވަރު އަންގައިދޭ އެއްވެސް ލިޔެކިޔުމެއް ނެތި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުން އައި ބައެއް ކަމަށް ބުނެފައި ވެއެވެ.

ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ހުރި އަފްޣާން ރެފިއުޖީންގެ 10 ކޭމްޕެއްވެސް ވަނީ ބަންދުކޮށްފައެވެ. އެ ކޭމްޕްތަކުގައި ދިރިއުޅެމުންދިޔަ 85،000 އަފްޣާން ރައްޔިތުން އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް ސަރުކާރުގެ މަސްދަރުތަކުން ވަނީ ހާމަކޮށްފައެވެ.

ބަންދުކުރި ކޭމްޕްތަކަކީ އަފްޣާން ރައްޔިތުން ރެފިއުޖީންގެ ގޮތުގައި މިހާތަނަށް ދިރިއުޅެމުން އައި ކެމްޕްތަކެވެ. ބަލޫޗިސްތާން ޕްރޮވިންސްގައި ފަސް ލައްކައާ ގާތްކުރާ އަދަދެއްގެ އަފްޣާން ރެފިއުޖީން ރަޖިސްޓްރީ ވެފައި ވެއެވެ. އަދި ކުއެޓާގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ އަފްޣާން ރެފިއުޖީން ހޯދުމުގެ އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެގޮތުން، ފާއިތުވެދިޔަ ދުވަސްތަކުގައި ކުއެޓާއިން ގަވާއިދާ ޚިލާފަށް ދިރިއުޅޭ 4 ހާހެއްހައި އަފްޣާން ރެފިއުޖީން ވަނީ ހައްޔަރުކޮށްފައެވެ.

ހިއްސާ ކުރައްވާ!