ޖެނޮސައިޑާ ގުޅިގެން ދުނިޔޭގެ ބޮއިކޮޓް ކުރުންތައް އިތުރުވެއްޖެ

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖެނޮސައިޑް ޢަމަލުތަކާ މެދު ދުނިޔޭގެ ޢާންމުންގެ ރުޅިވެރިކަން އިތުރުވެ، އިސްރާއީލަށް އަމާޒުކޮށްފައިވާ ބޮއިކޮޓް ކުރުންތައް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އުތުރު އެމެރިކާގެ ޔުނިވަރސިޓީ ކެމްޕަސްތަކުން ފެށިގެން ޔޫރަޕާއި މެދުއިރުމަތީގެ ސުޕަރމާކެޓްތަކާ ހަމައަށް، ކޮންސިއުމަރުންގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ. އިސްރާއީލުގެ ޖެނޮސައިޑް އަސްކަރީ ޢަމަލުތަކާ ގުޅުން ހުރި ބްރޭންޑްތައް ދެނެގަނެ އެތަކެތި ބޮއިކޮޓް ކުރުމަށް 'ބޮއިކެޓް' (Boycat) ފަދަ އެޕްލިކޭޝަންތަކުން މިލިއަނުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

މި ބޮއިކޮޓްތަކުގެ ސަބަބުން ބޮޑެތި ކޯޕަރޭޝަންތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. މެކްޑޮނަލްޑްސް، ސްޓާބަކްސް، އަދި ކަރފޯރު ފަދަ ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިޥާ ކަމަށް ރިޕޯޓް ކޮށްފައިވާއިރު ބައެއް މާކެޓްތަކުން ވަނީ އެއްކޮށް ބޭރުވެފައެވެ. ކަރފޯރް އިން ވަނީ ޖޯޑަން، ކުވައިތު، އޮމާން، އަދި ބަޙްރައިންގައި ހުރި ހުރިހާ ފިހާރައެއް ބަންދުކޮށްފައެވެ. އަދި ސްޓާބަކްސް ގެ ދުނިޔޭގެ ވިޔަފާރި ވަނީ ވިދިވިދިގެން ތިން ކުއާޓަރުގައި ދަށްވެފައެވެ.

2005 ވަނަ އަހަރު ފެށި ބޮއިކޮޓް، ޑައިވެސްޓްމަންޓް، އެންޑް ސެންކްޝަންސް (ބީޑީއެސް) ޙަރަކާތަށް ވަނީ އަލުން ބާރު ލިބިފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 133 ޤައުމެއްގައި ފަލަސްޠީނަށް ތާއީދުކޮށް 49,000 އަށް ވުރެ ގިނަ މުޒާހަރާ ބާއްވާފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ މުޒާހަރާތައް ބާއްވާފައިވަނީ ޔަމަން، މޮރޮކޯ، އަދި އެމެރިކާގައެވެ.

އާންމުންގެ ގޮވާލުންތައް އިތުރު ވުމާ ގުޅިގެން ސަރުކާރުތަކުން ވެސް މިކަމަށް އިޖާބަދެމުން އެބަދެއެވެ. ސްޕެއިން އިން ވަނީ އިސްރާއީލާއެކު ހަދާފައިވާ 700 މިލިއަން ޔޫރޯގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުން ކެންސަލްކޮށްފައެވެ. އަދި ޔޫރަޕްގެ ބައެއް ޕެންޝަން ފަންޑުތަކުން ވަނީ ޤާނޫނާ ޚިލާފަށް ލަޓޯފަޓޯ ޔަހޫދީން ހިފާފައިޥާ ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކުރުވުމާ ގުޅުން ހުރި ކުންފުނިތަކުން ފައިސާ އަނބުރާ ނަގާފައެވެ. އެންމެ ފުރަތަމަ މިފިޔަވަޅު އެޅީ ނޯވޭއިންނެވެ. މީގެ އިތުރުން، އ.ދ. އިން ވަނީ ޤާނޫނާ ޚިލާފަށް ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ ޙަރަކާތްތަކުން ފައިދާ ހޯދާ 158 ކުންފުނީގެ ލިސްޓެއް ނެރެ، އެކުންފުނިތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.

ފަލަސްޠީނުގެ ތާއީދުގައި ވާހަކަ ދައްކާ އަޑުތައް ގަދަވެ، ދުނިޔޭގެ އެއްބައިވަންތަކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ޙަރަކާތްތަކުން ދަނީ ޢަދުލު އިންސާފަށް އެދޭ ކެމްޕޭނުތައް ހިންގާނެ ގޮތާއި، އަނިޔާގެ ކަންކަން ހަނދާންކުރެވޭނެ ގޮތް ބަދަލުކުރަމުންނެވެ.

ހިއްސާ ކުރައްވާ!