ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑް ނިންމުމަށް އެކުލަވާލި އެއްބަސްވުމާ ޖެނޮސައިޑް ފޯސްއިން ޚިލާފުވާކަން ހާމަވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ޖެނޮސައިޑް ހަނގުރާމަ ހުއްޓާލަން އެއްބަސްވި ނަމަވެސް، އިޒްރޭލުގެ ސިފައިން ދަނީ ޣައްޒާގެ އިރުމަތީ ސަރަހައްދުތަކުގައި ބާކީ ހުރި އިމާރާތްތަކާއި ތަންތަން ނައްތާލުމަށ ްހަމަލަތައް ދެމުންނެވެ. ވަގުތީ ގޮތުން ޖެނޮސައިޑް ނިންމާލުމުގެ އެއްބަސްވުން އަމަލުކުރަން ފެށީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކާއި އަދި އަލްބުރެއިޖް ކޭމްޕްގައި ބޮޑެތި އޮޕަރޭޝަންތައް ހިންގާފައެވެ. މިކަން ހިނގާފައިވަނީ ޔަހޫދީން ޣައްޒާގެ ބޮޑު ބައެއް ކޮންޓްރޯލު ކުރުމަށް ގައިމް ކޮށްފައިވާ މަޖާޒީ ލައިން ކަމށްވާ 'ޔެލޯ ލައިން' ގެ ނަމުން މަޝްހޫރު ސަރަހައްދުގެ އިރުމަތީގައި، ބަޑީގެ ހަމަލާތައް ދިނުމާ އެކުއެވެ. އިޒްރޭލު ސިފައިން ވަނީ މިއަދުގެ ފަތިހު ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކާއި، ޚާން ޔޫނިސް އަދި މެދުތެރޭ ޕްރޮވިންސްގައި އިމާރާތްތައް ގޮއްވާލުމުގެ އަމަލުތައް ހިންގާފައެވެ.
ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުތަކާ ކައިރީގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި، އިމާރާތްތައް ގޮއްވާލުމުގެ އަމަލުތަކުގެ ސަބަބުން އުފެދޭ ގަދަ ބާރުގެ ސަބަބުން، އެމީހުންގެ ހަލާކުވެފައިވާ ގެތަކަށް އިތުރު ގެއްލުންތައް ވަމުން ދެއެވެ. ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ބުނާ ގޮތުގައި، ދެ އަހަރު ދުވަހުގެ ޖެނޮސައިޑްގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ބާކީ ހުރި ގިނަ އިމާރާތްތައް މިހާރު ހުރީ ވެއްޓިދާނެ ހާލަތެއްގައެވެ. ފަލަސްތީނުގެ ރައްޔިތުން ބުނާ ގޮތުގައި، އެ އިމާރާތްތަކަށް ކުޑަވެސް ލޮޅުމެއް އައިސްފިނަމަ، ބައެއް ބައިތައް ވެއްޓިދާނެއެވެ.
ހަމާސްގެ ތަރުޖަމާނު ޙާޒިމް ޤާސިމް ވިދާޅުވީ، އިޒްރޭލުގެ ސިފައިން ޣައްޒާގެ، އިރުމަތީ ސަރަހައްދުގައި، ގެތަކާއި ރެސިޑެންޝަލް އަވަށްތައް ނައްތާލުމުގެ އަމަލުތައް ކުރިއަށް ގެންދިއުމަކީ، ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމާ ޚިލާފުވުމެއް ކަމަށެވެ. ޤާސިމް ނެރުއްވި ބަޔާނެއްގައި ވަނީ، އެއްބަސްވުމާ ޚިލާފްވުމުގެ އާދަ އަށަގެންފައިވާ ޔަހޫދީން މި އެއްބަސްވުމާ ޚިލާފުވާ މި އަމަލުތައް ހުއްޓުވުމަށް މެދުވެރިންނަށް ވި އަރަބި އިސްލާމީ ގައުމުތަކުން އިޒްރޭލަށް ފިއްތުން ކުރިމަތިކުރުމަށް ގޮވާލާފައެވެ. ޔަހޫދީން އެއްބަސްވުމާ ޚިލާފުވުންތަކުގެ ތެރޭގައި ކޮންމެ ދުވަހަކު މީހުން ޝަހީދު ކުރުމާއި ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމާއި، އެހީގެ ކަންކަން ހަނިކުރުމާއި، ރަފަޙް ބޯޑަރު ބަންދުކޮށް ބޭއްވުން ހިމެނެއެވެ.
ޣައްޒާގެ މުނިސިޕަލްޓީގެ ތަރުޖަމާނު ޢާޞިމް އަލްނަބީހް ވިދާޅުވަނީ ޖެނޮސައިޑަށް ފަހު މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ، ޣައްޒާގެ ރައްޔިތުންނަށް އެންމެ އަސާސީ ޚިދުމަތްތައް ވެސް ފޯރުކޮށްދެވޭ ވަރަށް އެކަށީގެން ނުވާ ކަންކަން ކަމަށެވެ. މިއީ އެއްބަސްވުމުގެ ދަށުން ޣައްޒާގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އިޒްރޭލުން އިހުމާލުވާކަން ހާމަކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.




