ސޫދާނުގެ ޖެނޮސައިޑުން ފެނުނު އިނގިރޭސި ހަތިޔާރުތަކަކީ ޔޫއޭއީ އިން ބާޣީންނަށް އެހީ ދޭކަމުގެ ހެއްކެއް: ގާޑިއަން

ސޫދާނުގެ ހަނގުރާމައިގެ މައިދާންތަކުން އިނގިރޭސިވިލާތުގައި އުފައްދާފައިވާ އަސްކަރީ ސާމާނު ފެނުމާ ގުޅިގެން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެވޭ ބައިނަލްއަޤްވާމީ ތުހުމަތުތައް އިތުރު ވެއްޖެއެވެ. އެގޮތުން، ސޫދާނުގައި ނަސްލު ނައްތާލުމުގެ ޖަރީމާތައް ބާޣީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން ހިންގަމުންދާ ކަމުގެ ތުހުމަތު ކުރެވެއެވެ. ސޫދާންގެ މުއްސަނދި މައުދަން ކަމަށްވާ ރަން ސަޕްލައި ކޮށްދިނުމުގެ ބަދަލުގައި ބާޣި ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދެނީ ޔޫއޭއީ ކަމަށް އިތުބާރު ހުރި ގިނަ ފަރާތްތަކުން މިހާރު ދަނީ ބުނަމުންނެވެ. އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން ވަނީ އެކަމާ ގހުޅޭ ޚާއްސަ ޑޯސިއޭއެއް އެކުލަވާލާފައެވެ.

ސޫދާންގެ ބާޣީންގެ އަތުން ފެނިފައިވާ ހަތިޔާރަކީ، ޔޫއޭއީ އަށް އެކްސްޕޯޓް ކުރެވުނު އިނގިރޭސިވިލާތުގައި އުފެއްދި އިންޖީނުތަކާއި އަމާޒާސް ބަޑި ޖެހުމުގެ ނިޒާމުތަކެވެ. މިއީ އާރްއެސްއެފްގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުން ފެނިފައިވާ ތަކެތި ކަމަށް ދަ ގާޑިއަން ނޫހުން ހިންގި ތަހުގީގަށް ވަނީ ހާމަވެފައެވެ. މިކަމަށް ބާރު ދެނީ، އދ. ގެ ރިޕޯޓުތަކާއި އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ނެވެ. މި ބައިތައް ހަރުކޮށްފައި ހުރީ ޔޫއޭއީގައި އުފެއްދި ނިމްރް ހަތިޔާރު އެޅުވި އުޅަނދުތަކުގައެވެ. މި ހަތިޔާރުތައް ހަފްތާއަކު އެއްފަހަރު އަވަށްޓެރި ޗާޑް މެދުވެރިކޮށް ސޫދާނަށް ފޮނުވާ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ.

އދ.އާއި ވޯލް ސްޓްރީޓް ޖާނަލް ނޫހާއި ސްކައި ނިއުސްއާއި، އެމްނެސްޓީ އިންޓަނޭޝަނަލް، އަދި ދަ ގާޑިއަން އިން ވެސް ބުނާ ގޮތުގައި، ޔޫއޭއީ އިން ވަނީ ސޫދާނުގެ ރަނުގެ ބަދަލުގައި އާރްއެސްއެފް އަށް ހަތިޔާރާއި ޑްރޯނާއި ފައިސާ ފޯރުކޮށްދީފައެވެ. އާރްއެސްއެފް އިން ސޫދާނުގެ ރަން ނަގާ މައި ސަރަހައްދުތައް ކޮންޓްރޯލް ކުރާއިރު، ސޫދާނުގެ ރަން އުފެއްދުމުގެ 90 އިންސައްތަ އިމްޕޯޓު ކުރަނީ ޔޫއޭއީ އިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އދ. ގެ ޕެނަލްތަކުން ވަނީ އަވަށްޓެރި ގައުމު ކަމަށްވާ ޗާޑް މެދުވެރިކޮށް ޔޫއޭއީން ހަތިޔާރު ސަޕްލައި ކޮށްދޭ ކަމުގެ “އިތުބާރު ހުރި” ސާބިތު ހެކިތަކެއް ފެނިފައިވާކަމަށް ވެސް ބުނެފައެވެ. އަދި 2025 ވަނަ އަހަރު ވެސް ޔޫއޭއީއަށް އާރްއެސްއެފްއިން ޖަރީމާތައް ހިންގާކަން އެނގިތިބެނެ، ޔޫއޭއީ އިން ހަތިޔާރާއި ޑްރޯންގެ އެހީތެރިކަން އިތުރަށް ފޯރުކޮށްދިން ކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކައެވެ.

ސޫދާންގެ ގަތުލުއާންމުގައި ޔޫއޭއީ އިން ބައިވެރިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރި ނަމަވެސް، އެމެރިކާގެ ސެނެޓަރު ކްރިސް ވެން ހޮލެން ފަދަ ފަރާތްތަކުން ދަނީ ޔޫއޭއީ އަށް އެމެރިކާއިން ވިއްކާ ހަތިޔާރު ވިއްކުން މަނާކުރުމަށާއި ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އެމެރިކާ އިން ޖެނުއަރީ 2025 ގައި ވަނީ އާރްއެސްއެފް އިން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައިވާކަން ރަސްމީކޮށް ކަނޑައަޅާފައެވެ. މި ޖަމާއަތަކީ 2003 ވަނަ އަހަރު ދާފޫރުގައި ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގި ޖަންޖާވީދް މިލިޝިއާ އިން އުފެދުނު ޖަމާއަތެކެވެ.

ސޫދާނުގެ އިންސާނީ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. 150,000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 25 މިލިއަން މީހުން ބަނޑަށް ޖެހުމާ ކުރތިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، އާރްއެސްއެފްގެ ކެމްޕޭނަށް އިޒްރޭލަށް ސަޕޯޓު ކުރުންމަތީ ދެމިތިބި އަރަބި އަޚުންގެ އެހީތެރިކަން ބަލައި ތަހުގީގު ކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައެވެ. ޔޫއޭއީގެ ދައުރުގެ ވާހަކަ ކުރިން ސިއްރުން ދެކެވުނު ނަމަވެސް، މިހާރު ޔޫއޭއީ ވަނީ މި މައްސަލައިގެ މައިގަނޑު ނުކުތާއަކަށް ވެފައެވެ.

ހިއްސާ ކުރައްވާ!