މުސާރަ ކުޑަވެގެން ސޫދާންގެ ވަޒީރަކު އިތުރު ގަޑީގައި އަދާކުރާނެ ވަޒީފާއެއް ހޯދަން އިޢުލާނެއް ޖަހައިފިއެވެ.
ސޫދާންގެ މިނިސްޓަރ އޮފް އެނިމަލް އެންޑް ފިޝަރީޒް ރިސޯސަސް، އަޙްމަދު އައްތީޖާނީ އަލްމަންސޫރީ، ވަނީ އޭނާއަށް ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން، ލިބިވަޑައިގަންނަވާ މުސާރަ ކުޑަކަމުން ޕާޓް ޓައިމް ވަޒީފާއެއް ހޯދުމަށް ލިންކްޑް އިންގައި އިޢުލާނެއް ޖައްސަވާފައެވެ.
މިނިސްޓަރު އަލްމަންސޫރީ އިތުރު ވަޒީފާއެއް ހޯއްދަވަން ޖެހުނު ސަބަބެއް ކަމަށް ވިދާޅުވީ، ވަޒީރުކަމުގެ މަޤާމަށް ލިބޭ މުސާރަ ކުޑަވުމެވެ. މިއީ އޭނާގެ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖެއްސުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ވިދާޅުވެއެވެ.
އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، "އަޅުގަނޑަކީ އެނިމަލް އެންޑް ފިޝަރީޒް ރިސޯސަސްގެ ވަޒީރު ކަމުގައިވި ނަމަވެސް، ލިބޭ މުސާރަ ކުޑަކަމުން، އިތުރު ވަގުތު ކުރާނެ ޕާޓް ޓައިމް ވަޒީފާއެއް ހޯދަމުންދަމެވެ. އަދި މިކަމުގައި ތިޔަބޭފުޅުންގެ އެހީތެރިކަމަށް އެދެމެވެ."
މިކަމާ ގުޅިގެން ސޫދާންގެ ސިޔާސީ އަދި ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.






