ޔަހޫދީން ފަލަސްޠީނު މީހުންނާ ދޭތެރޭ ދެކެނީ ނާޒީން ޔަހޫދީންނާ ދޭތެރޭ ދުށް ގޮތަށް: ރާނިޔާ ރާނީ

ޖަރުމަނުގައި ބޭއްވި ޒުވާނުންގެ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އުރުދުންގެ ރާނީ ރާނިޔާ ވަނީ ފަލަސްތީނުންނާ މެދު އިސްރާއީލުން ދެކޭ ގޮތަކީ ނާޒީ ޖަރުމަނުން ޔަހޫދީން މާމެދު ދުށްގޮތް ކަމަށް ސިފަ ކުރައްވާފައެވެ. އެއިރު ނާޒީން އަދި މިއަދު ޔަހޫދީން ވަނީ ފަލަސްޠީނު މީހުންނަކީ އިންސާނިއްޔަތުކަން ގެއްލިފައިވާ ބައެއްކަމުގައި ދައްކަން ޕްރޮޕެގެންޑާ ކޮށްފައެވެ.

މިއުނިކްގައި ބޭއްވި 'ވަން ޔަންގް ވޯލްޑް ސަމިޓު’ގައި ރާނިއާ ތަގުރީރު ކުރެއްވި އެވެ. މި ސަމިޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުރިމަގުގެ ޒުވާން ލީޑަރުން އެއްތަނަކަށް އެއްވާ ސަމިޓެވެ.

ރާނިޔާގެ ވާހަކަފުޅުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އަނިޔާވެރިކަމުގެ ވާހަކައާއި ނަފްރަތު އުފެދޭ ވާހަކަތަކަށް އަލިއަޅުވައި ލެއްވިއެވެ.

"އެއީ ހުސް ވާހަކަ ކަމަށް ބުނެ އެ ބުނާ ބަސްތަކަށް އަޅާނުލައި ދޫކޮށްލާކަށް ނުވާނެ. ކޮންމެ ނަސްލު ނައްތާލުމެއް ފެށިފައިވަނީ އެހެން." ރާނިޔާ ވިދާޅުވިއެވެ.

"އިންސާނީ ތާރީހުގެ އެންމެ ނުލަފާ ބައެއް ބާބުތަކުގެ ފަށާފައި ވަނީ އިންސާނިއްޔަތުކަން ގެއްލުވާލާ ވާހަކަތަކުން. 1930 ގެ އަހަރުތަކުގައި ހަމަ މި ސިޓީގައި ނާޒީ ޕާޓީން ޔަހޫދީންނަށް ފަނިފަކުސޭ ކިޔައިގެން މުޚާތަބު ކުރި." ފަލަސްތީނުގެ ނަސްލުގެ ރާނިއާ ވިދާޅުވިއެވެ.

އަދި އެކަމަނާ ވިދާޅުވީ އަޤްޞާ ޠޫފާނަށްފަހު އިޒްރޭލުގެ ދިފާއީ ވަޒީރު ފަލަސްޠީނު މީހުންނަކީ 'އިންސާނީ ޖަނަވާރުތަކެއް' ކަމަށްވެސް ސިފަ ކުރި ކަމަށެވެ. އެއަށްފަހު ޔަހޫދީން ވަނީ ޣައްޒާ ހިސާރަކޮށް އެތާނގައި އެމެރިކާގެ އެހީތެރިކަމާއެކު ޖެނޮސައިޑް ހިންގާފައެވެ.

ހިއްސާ ކުރައްވާ!