ލީބިޔާގެ ޒަޢީމު އަޚު މުޢައްމަރު ޤައްޒާފީގެ ފަރާތްޕުޅުން ނާޖާއިޒު މުއްސަނދިކަމެއް ހޯއްދެވިކަމުގެ ކުށް ސާބިތުވެގެން ޖަލަށް ލާފައިވާ ފްރާންސްގެ ކުރީގެ ރައީސް ނިކޮލާއި ސާކޯޒީ ޖަލުގައި ފަރިއްކުޅުއްވަނީ ޔޯގަޓް އެކަނި ކަމަށް ޖަލު އިދާރާއިން ބުނެފިއެވެ. ނިކޮލާއި ސާކޯޒީއަށް އިއްވާފައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މަސްއޫލުވެރިންނަށް ޖަލަށްލާފައި ބަހައްޓާ ލާ ސަންޓޭ ޖަލުގައެވެ.
ސާކޯޒީ ޖަލުގެ ތަށިބަރިއަށް ހޭނިވަޑައިގަތުމުގައި ދަތިތަކާ ކުރިމަތިލައްވަމުން ގެންދަވާ ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާގެ ގާތް ބޭފުޅަކާ ހަވާލާދީ ލެ ޕޮއިންޓް މަޖައްލާ އިން ހާމަކުރާ ގޮތުގައި، ކުރީގެ ރައީސް އުޅުއްވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއީ އެ ޖަލުގައި އޭނާއާ ޢަދާވާތްތެރި ބައެއް ގައިދީން ތިބޭކަން އެނގިވަޑައި ގަތުމާ ގުޅިގެންނެވެ. އެމީހުން އޭނާގެ ކާނާއަށް ކުޅު ޖަހައިފައި ހުރެދާނެތީ ނޫނީ "އެއަށްވުރެ ނުބައި ކަމެއް" ކޮށްފާނެ ކަމުގެ ބިރު އޭނާއަށް އިޙުސާސް ކުރެއްވޭ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.
ސާކޯޒީ ވަނީ އޭނާގެ ގޮޅީގައި އަމިއްލައަށް އެކަހެރިވެވަޑައިގަތުމަށް ޚާއްޞަ ގޮތްތަކެއް އިޚްތިޔާރު ކުރައްވާފައެވެ. އެ މަޖައްލާއިން ބުނާ ގޮތުގައި، ސާކޯޒީ މާ ޝާހީގޮތަކަށް އުޅުއްވާފައިވާތީ ބިހެއް ކައްކަވަންވެސް އެނގިވަޑައެއް ނުގަންނަވައެވެ. އަދި ޖަލުގެ ފިހާރައިން ތަކެތި ބައްލަވައި ގެން އަމިއްލައަށް ކާނާ ތައްޔާރު ކުރެއްވުމަށްވެސް ނުކުޅެދިވަޑައިގަންނަވާ ކަމަށް ވެއެވެ. އެހެންވެ އޭނާގެ ފަރިއްކުޅުއްވުން މިހާރު ހަމަޖެހިފައި އޮންނަނީ ހަމައެކަނި ޔޯގަޓަށް ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.
ސާކޯޒީ ޖަލަށް ވަޑައިގެންނެވީ އޮކްޓޯބަރު 21 ގައެވެ. މި ދިޔަ ދުވަސްކޮޅުގައި އޭނާގެ ބަރުދަނުން އެތައް ރާތަލުގެ ލުއި ކަމެއް އިޙުސާސް ކުރެވޭ ކަމަށް އޭނާއަށް ޒިޔާރަތް ކުރާ ފަރާތްތަކުން ބުނެއެވެ.
ސިޔާސީ މައިދާނުގައި ސާކޯޒީގެ ޚާއްސަ ދަރިވަރުންނަކީ މިހާރުގެ ރައީސް މެކްރޮންއާއި ޖަސްޓިސް މިނިސްޓަރު މުސްލިމު އާއިލާއަކަށް އުފަން އަލްޖަޒާއިރުގެ ޖެރާލްޑް ދާރްމާން އެވެ.







