ތާރީޚީ ޙިޖާޒް ކަރައިގެ ރޭލްވޭ އަލުން ބޭނުންކުރަން ފަށަނީ

އެތައް އަހަރެއްގެ ހަނގުރާމަތަކާއި ބޯޑަރު ބަންދުކުރުމުގެ ސަބަބުން ހީނަރުވެފައިވާ ސަރަހައްދީ ދަތުރުފަތުރުގެ ވިއުގަ އަލުން ދިރުވުމުގެ މަޤްސަދުގައި، ޖޯޑަން، ސީރިއާ އަދި ތުރުކީން މި ތިން ޤައުމު ގުޅުވައިދޭ ތާރީޚީ ޙިޖާޒް ރޭލްވޭ އަލުން ބޭނުންކުރަން މަރާމާތުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ މެދުއިރުމަތީގެ އެންމެ މަޝްހޫރު ދަތުރުފަތުރުގެ މަގުތަކުގެ ތެރެއިން އެއް މަގު އަލުން އާބާދުކުރުމަށް ދިހަވަރަކަށް އަހަރުގެ ތެރޭގައި ކުރާ އެންމެ ސީރިއަސް މަސައްކަތެވެ.

އައްމާން އަދި ދިމިޝްގުގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުންތަކަށްފަހު މި މަޝްރޫޢު ކުރިއަށް ގެންދިއުން ކަށަވަރުކޮށްފައިވާއިރު، އިންފްރާސްޓްރަކްޗަރާއި ހަލާކުވެފައިވާ ރޭލްވޭގެ ބައިތައް މަރާމާތުކުރުމަށް އެއްބަސްވުމެއްގެ ދެލިކޮޕީއެއް އެކުލަވާލުމަށް 3 ގައުމުން ވަނީ އެއްބަސްވެފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ސަރަހައްދީ ވިޔަފާރިއާއި ދަތުރުފަތުރު އަލުން ފަށައި، ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ.

އުސްމާނީ ޚިލާފަތުގެ ސުލްޠާން ޢަބްދުލްޙަމީދު ދެވަނަގެ ވެރިކަމުގައި ބިނާކޮށް 1908 ވަނަ އަހަރު ހުޅުވި ޙިޖާޒް ރޭލްވޭ އިން އޭރު އިސްތަންބޫލާއި މަދީނާއާ ދެމދު ދަތުރުތައް ބޭއްވިއެވެ. މިއީ ދިމިޝްގާއި އަމާންގެ މަގުން ދަތުރުކުރާ ރޭލްވޭއެކެވެ. މިއީ މުސްލިމް ހައްޖުވެރިންނަށް ޚިދުމަތް ދިނުމާއި ގައުމުތަކުގެ ގުޅުންތައް ބަދަހިކުރުމަށް ބޭނުންކުރި މަގެކެވެ. އެހެންނަމަވެސް، ޖަރުމަނުން ފެށި ފުރަތަމަ ބޮޑު ހަނގުރާމައާއި އޭގެ ފަހުން ވެސް ދޮން މީހުން ފެށި އެހެން ހަނގުރާމަތަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި މި ރޭލްވޭއަށް ބޮޑެތި ގެއްލުންތަކެއް ދީ ހަލާކުކޮށްފައި ވެއެވެ.

މިހާރު ކުރިއަށްދާ ފިޔަވަހީގައި އިސްކަންދެނީ ސީރިއާއާއި ޖޯޑަން އަދި ތުރުކީ ގުޅުވާ ބަޔަށެވެ.

ކިޔުންތެރިންގެ ސަމާލުކަމަށް: އެއިރަކު ދުނިޔޭގައި ޖޯޑަން ނަމަކަށް ކިޔާ ދައުލަތެއް ނޯވެއެވެ. އެއިރު ހިޖާޒް ރެއިލްވޭ ފަލަސްޠީނަށް ވަދެގެން ގޮސް ހައިފާއަށް ފޯރައެވެ. ހައިފާއަށް އެ ރޭލް އަންނަނީ ސޫރިޔާގެ ދިރްޢާ އިން ފެށިގެންނެވެ.

ތުރުކީގެ އޮފިޝަލުން ވަނީ ސީރިއާގެ އަހުލީ ހަނގުރާމައިގައި ހަލާކުވެފައިވާ 30 ކިލޯމީޓަރުގެ ރޭލްވޭގެ މަގު އަލުން ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވައުދުވެފައެވެ. ޖޯޑަންއިން ދަނީ ދިމިޝްގާ ހަމައަށް ދަތުރުތައް ފުޅާކުރުމަށް ކުރަން ޖެހޭ ކަންކަން ބަލަމުންނެވެ. މީގެ އިތުރުން، ޖޯޑަންގެ އަޤަބާ ބަނދަރު މެދުވެރިކޮށް ތުރުކީއަށް ރަތް ކަނޑަށް ނިކުމެވޭ ގޮތަށް މަގުތައް ހޯދުމަށް ފަންނީ ދިރާސާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މިއީ ޝާމްކަރައިން ޚަލީޖުގެ ސަރަހައްދާ ދެމެދު އާ ވިޔަފާރީގެ ކޮރިޑޯތަކެއް ހުޅުވައިދޭނެ ކަމެކެވެ.

ފާއިތުވި ހަފްތާގައި ދިމިޝްގުގައި ބޭއްވުނު ބައްދަލުވުމުގައި މި ތިން ޤައުމުގެ ދަތުރުފަތުރުގެ އިސް އޮފިޝަލުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ޖޯޑަންގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް ފާރިސް އަބޫ ދައްޔާހް، ސީރިއާގެ ލޭންޑް ޓްރާންސްޕޯޓްގެ ނައިބު މިނިސްޓަރު މުޙައްމަދު ޢުމަރު ރައްޙާލް، އަދި ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފޮރ ފޮރިން އެފެއާޒް ބުރާކް އެކިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!