އިސްރާއީލުގެ ޕާލިމެންޓުން ވަނީ، ވަގަށް ނަގައިގެން ކުށް ސާބިތު ކުރެވޭ ފަލަސްޠީނުގެ ހަނގުރާމައިގެ އަސީރުން ދަންޖެއްސުން ހުއްދަ ކުރުމަށް އެކުލަވާލި ބިލުގެ ފުރަތަމަ ކިޔުން ފާސްކޮށްފައެވެ. މި ބިލަކީ ބައިނަލްއަޤްވާމީ ފަރާތްތަކުން ކުށްވެރިކޮށް، އަދި އިސްރާއީލުގެ ތެރޭގައި ވެސް ދެކޮޅުވެރިކަން އުފެދިފައިވާ ބިލެކެވެ. ވޯޓު ލިއިރު ބިލަށް 39 މެންބަރުން ތާއީދުކޮށް، 16 މެންބަރުން ދެކޮޅު ހެދިއެވެ. މި މި ކިޔުން ފާސްވުމާއެކު ތާކިހާ ވަޒީރު ވަނީ އުފާ ފާޅުކޮށް ޕާލަމެންޓްގައި މެޓާ ބަހާފައެވެ.
މި ޤާނޫނަކީ މިހާރު އޮތް ޖިނާއީ ޤާނޫނަށް ގެނެވޭ އިސްލާޙެކެވެ. މިކަމުގެ އިސްކޮށް ހުރީ ހައްދުފަހަނައަޅާފައިވާ ކޯލިޝަންގެ މެންބަރުންނާއި ޖެނޮސައިޑް ބޮޑުވަޒީރު ނަތަންޔާހޫއެވެ. މި ބިލުގެ މަޤްޞަދަކީ "ނަސްލީ ނުވަތަ ޤައުމީ ނަފްރަތުގެ" ބޭނުމުގައި ފަލަސްޠިނު މީހުންނަށް އަދަބު ދިނުމެވެ. ނަމަވެސް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމާޢަތްތަކުން ވަނީ މިއީ ނަސްލީ ތަފާތުކުރުމުގެ ޢަމަލެއް ކަމަށް ބުނެ ކުށްވެރިކޮށްފައެވެ. ބިލު މިހާރު ވަނީ ކްނެސެޓްގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ޤާނޫނަކަށް ވުމަށްޓަކައި އިތުރު ދެ ކިޔުން ކިޔައި ފާސްކުރަން ޖެހެއެވެ.
ބިލު ފާސްކުރި ޖަލްސާގައި، ހައްދުފަހަނައަޅާފައިވާ އޮޓްޒްމާ ޔެހޫދިތު ޕާޓީގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން-ގްވީރު ވަނީ އުފާފާޅުކުރުމުގެ ގޮތުން މެޓާ ބަހާފައެވެ. މި ޢަމަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި އިސްރާއީލުގެ ތެރެއިން ވެސް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.







