"އަޅުގަނޑުމެން ބޭނުންވަނީ ޖުޑިޝަރީއަކީ މިނިވަންކަމާ އެކީގައި އަދުލުވެރިކަމާ އެކީގައި ހިނގާ ޖުޑިޝަރީއަކަށް ހަދަން،" ރައީސް

ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމާއި އަދުލުވެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާގަ އެވެ. ރައީސް ވިދާޅުވީ ޝަރުއީ ދާއިރާގެ ހިންގުމުގެ ޚަރަދުތައް މިނިވަންކޮށްދީފައިވާ ކަމަށާއި، އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ ވާނުވާ ބަންދު މީހުންގެ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓާ އެކު، ޝަރުއީ ދާއިރާގެ ހިންގުން މިހާރު ވާނީ މިނިވަންކޮށްދީފައެވެ. އެގޮތުން، ޚދުމަތް ދިނުމުގައި އަމިއްލަ އަށް ހަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން އެ ބަޖެޓުން ޝަރުއީ ދާއިރާ އަށް ލިބިގެންދާނެ އެވެ. ރައީސް ވިދާޅުވީ މިއީ ހަގީގީ މާނައިގައި ޖުޑިޝަރީ މިނިވަންކުރުމެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، "ބަޖެޓުން ވަކި އިންސައްތައެއް އެއީ މުޅި ޖުޑިޝަރީ އަށް ކަނޑައަޅައި، ވަކި އެކައުންޓެއް އެމްއެމްއޭގައި އުފައްދައި، އެ އެކައުންޓު ތެރެއިން ޖުޑިޝަރީގެ ހިދުމަތްތަކަށް ހަރަދު ކުރެވޭނެ ގޮތްތައް ޖުޑިޝަރީގެ އަތްމައްޗަށް ދޫކޮށްލަނީ. ހިންގުމުގެ ޚަރަދުތައް ވަކިކޮށްދިނީ. މިނިވަންކަން ކޮށްދިނީ،" މިފަދައިންނެވެ.

މީގެ ސަބަބުން ޝަރުއީ ދާއިރާގެ ޚަރަދުތަކާއި ކުރަންޖެހޭ ކަންކަން މިނިވަންކޮށްދިނުމުން، ކޮންމެ ދުވަހަކު ވަކި ތަނަކުން ވަކި ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޝަރުއީ ދާއިރާގެ ހިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި، ކޯޓުތަކަށް ބޭނުންވާ ޖާގަ ހޯދައިދިނުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން، ސުޕީރިއާ ކޯޓް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭތޯ މަސައްކަތް ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ކްރިމިނަލް ކޯޓަށް ވަކި އިމާރާތެއް އަޅައިދިނުމާއި، ޑްރަގް ކޯޓަށް ޖާގަ ހޯދައިދިނުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަރީއަތްތައް ނިމެންދެން ބަންދު ކޮށްފައި ތިބޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމައި ދިނުމަށް ޖުޑިޝަރީއަށް ގޮވާލައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، "އެ ގޮތަށް ވާނުވާގައި މީހުން ތިބެގެން ނުވާނެ" ކަމަށާއި އެ މީހުންގެ ވެސް ހައްގުތަކެއް ހުންނާނެ ކަމަށެވެ. ރައީސްގެ އަމާޒަކީ ޖުޑިޝަރީއަކީ މިނިވަންކަމާ އަދި ޢަދުލުވެރިކަމާ އެކީގައި ހިނގާ ޖުޑިޝަރީއަކަށް ހެދުން ކަމުގައި ވިދާޅުވި އެވެ.

މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ބޭނުންވާ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ: "އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެކީގައި، އަޅުގަނޑު ހަމަ 100 ޕަސެންޓު ޔަގީން ޖުޑިޝަރީން ވަރަށް އަވަހަށް މިކަން ނިންމަވާނެ. ގާނޫނީ ނިޒާމުގެ ތެރޭން ކޮށްދޭން ޖެހޭ ކަމެއް ވިއްޔާ ސަރުކާރު ކަމާބެހޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ވިއްޔާ ފުރިހަމަ އެއްބާރުލުން ދޭނަން،" ރައީސް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!