ޕާކިސްތާނު: ގާނޫނުއަސާސީގެ އިސްލާހުން ޑިމޮކްރެސީ އޮޅާލައިފި

މިއަދު ޕާކިސްތާނުން ފާސްކޮށްފައިވާ ގާނޫނުއަސާސީގެ 27 ވަނަ އިސްލާހަކީ، އެ ޤައުމުގެ ސިޔާސީ، ޖުޑީޝަލް އަދި ސިވިލް ސޮސައިޓީގެ ދާއިރާތަކުގައި ބޮޑު ބަހުސެއް އުފައްދާފައިވާ ކަމެކެވެ. ސަރުކާރުން މި އިޞްލާޙު ސިފަކުރަނީ ޤާނޫނުއަސާސީއާ ގުޅޭ މައްސަލަތައް ނިންމުން އަވަސްކުރުމަށް ގެނައި އިސްލާޙެއްގެ ގޮތުގައެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޑިމޮކްރެޓިކް އަސާސްތަކަށާއި، ޖުޑީޝަލް މިނިވަންކަމަށާއި، ސަރަހައްދީ ސަރުކާރުތަކަށް ދީފައިވާ ބާރުތަކަށް ދެވުނު އަނިޔާވެރި ޙަމަލާއެކެވެ. މި އިޞްލާޙު ފާސް ކޮށްފައި ވަނީ ޕާލިމެންޓްގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. އަދި ކުރީގެ ފަނޑިޔާރުންނާއި މުހައްލިލުން ވެސް ވަނީ މި އިސްލާހާ ދެކޮޅުކަން ހާމަ ކުރައްވާފައެވެ. މިއަދު ފާސްކޮށްފައިޥާ އިސްލާހަކީ ޕާކިސްތާނުގެ ނާޒުކު ޑިމޮކްރަސީގެ ނިޒާމަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ބުނެއެވެ.

މިއަދުގެ އިޞްލާޙު ގައުމީ މަޖިލިސް، ނެޝަނަލް އެސެމްބްލީން ފާސްކުރީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މަޖިލިސް ހަލަބޮލި ކޮށްފައިވާ ވަގުތެއްގައެވެ. އަދި އިދިކޮޅު ފަރާތްތަކުން ޖަލްސާގައި ބައިވެރި ނުވާނެ ކަމަށް ބުނެ ހަމަނުޖެހުން އުފެއްދުމުގެ ތެރެއިންނެވެ. މި ބިލަށް ސިޔާސީ ބުރަދަނެއް ލިބިގެންދިޔައީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި ޕާކިސްތާން މުސްލިމް ލީގް (ނ)ގެ ލީޑަރު ނަވާޒް ޝަރީފް ވެސް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމުންނެވެ. އިދިކޮޅު ޕާޓީގެ މެމްބަރުން ޖަލްސާއިން ބޭރުކުރުމަށްފަހު ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވަނީ މި ބިލު ފާސްކޮށްފައެވެ. މިބިލު ތަސްދީގު ކުރުމާއެކު ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓު (އެފް.ސީ.ސީ) އުފެދޭނެއެވެ. މި ކޯޓުން ބަލާނީ ކުރިން ސުޕްރީމް ކޯޓުން ބަލަމުންދިޔަ ޤާނޫނުއަސާސީއާއި ގުޅުން ހުރި މައްސަލަތަކެވެ. މި އާ ބަދަލުގެ ސަބަބުން ޤާނޫނުއަސާސީގެ މާނަކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރު ވަނީ ހަނިވެފައެވެ. މިއީ ޖުޑީޝަލް ބާރު ކަނޑުވާލުމުގެ ނުރައްކަލުގެ ސިގްނަލެކެވެ.

ކުރީގެ ބޮޑު ފަނޑިޔާރު ޖަވާދު އެސް. ޚަވާޖާ ވަނީ މި އިޞްލާޙު ބާޠިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އޭނާ ވިދާޅުވީ، މި އިޞްލާޙަކީ ޤާނޫނުއަސާސީގައި ހިމެނޭ ޖުޑީޝަލް މިނިވަންކަމުގެ އަސްލު ނައްތާލުމަށް ފަސްކޮށްފައިވާ ނިންމުމެއް ކަމަށެވެ. އަދި ޑިމޮކްރެޓިކް ވެރިކަމެއްގެ މައިގަނޑު އެއް އަސާސަކީ، ރައްޔިތުންނަށް އެމީހުންގެ އަސާސީ ޙައްޤުތައް ހޯދުމަށް ސުޕްރީމް ކޯޓަށް ދިއުމުގެ ޙައްޤު ކަމުގައިވާއިރު އެ ހައްގު މި ބިލުން ގެއްލިގެންދާނެ ކަމުގެ ނުރައްކާ އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މި ޤާނޫނީ ގޮންޖެހުމުގެ ސަބަބުން ޖުޑީޝަރީ އާއި އެގްޒެކެޓިވްއާ ދެމެދު ބޮޑު ކުރިމަތިލުމެއް އުފެދި، ސުޕްރީމް ކޯޓުގެ ދައުރާ މެދު ސުވާލު އުފެދިގެންދެއެވެ.

ސިޔާސީ ތަޙުލީލުކުރާ ފަރާތެއް ކަމަށްވާ ޒާހިދު ޙުސައިން މި އިޞްލާޙު ސިފަކުރެއްވީ “ޤާނޫނުއަސާސީ ޢަމަލީ ގޮތުން މަރާލުމެއް” ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިލިޓަރީ ވެރިކަން ކުރި ޑިކްޓޭޓަރުން ވެސް ޤާނޫނުއަސާސީގެ ތެރެއިން ސުޕްރީމް ކޯޓުގެ ބާރުތައް ނައްތާލުމަކަށް ބޭނުމެއް ނުވިއެވެ. އޭނާ ދައްކާ ދަލީލަކީ، މި އިޞްލާޙުގެ ސަބަބުން އަސްކަރީ އަދި ސިވިލް މަދަނީ ފަރާތްތަކުގެ ތެރޭން މަތީ ފަންތިއެއް އުފެދި އެމީހުންނަށް ބޮޑެތި ބާރުތަކާއި ރައްކަލާއި ހިމާޔަތް ލިބި، ޑިމޮކްރެޓިކް މުއައްސަސާތައް ލޫދިގެން ދާނެ ކަމަށެވެ. މިކަމުގެ ސަބަބުން ޑިމޮކްރަސީގެ ނިޒާމު ބަލިކަށިވެ، ޤައުމު އަނިޔާވެރި ވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމުގެ ބިރު އޭނާ ވަނީ ފާޅުކުރައްވާފައެވެ.

27 ވަނަ އިޞްލާޙަކީ ޕާކިސްތާނުގެ ޑިމޮކްރަސީގެ މައިގަނޑު ތަނބުތަކަށް ސީދާ ގޮންޖެހުމެކެވެ. ސުޕްރީމް ކޯޓުގެ ޤާނޫނުއަސާސީގެ ބާރުތައް ނިގުޅައިގަތުމަކީ ޖުޑީޝަލް މިނިވަންކަން ނެތިކޮށްލުމުގެ ފެށުމެވެ. މި އިޞްލާޙުގެ ސަބަބުން ޤާނޫނުއަސާސީގެ މައްސަލަތައް ނިންމުމަށް އުފެއްދި އެފް.ސީ.ސީ އަކީ ސިޔާސީ ބޭނުންތަކަށް ބޭނުންކުރެވޭނެ މުއައްސަސާއަކަށް ވެދާނެ ކަމުގެ ބިރު ބޮޑެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި، ޤާނޫނުއަސާސީގެ ޙިމާޔަތްތެރިޔާގެ ދައުރު އަދާކުރާ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަކީ، ޕާކިސްތާނުގެ ޑިމޮކްރެޓިކް މަސްރަޙު ބަދަލުކޮށްލާނެ އަސާސީ ބަދަލެކެވެ. މިކަމުގެ ސަބަބުން ޤާނޫނުގެ ވެރިކަމަށް އޮންނަ އިތުބާރު ކުޑަވެ، ޤައުމު އިތުރު ސިޔާސީ ހަލަބޮލިކަމަކަށް ދާނެ ކަމަށް ބެލެވެއެވެ.

ޕާކިސްތާނަކީ ޖުޑިޝަަލް އެކްޓިވިޒަމްގެ މުހިންމު ގައުމެކެވެ.

ހިއްސާ ކުރައްވާ!