ބޮމުގެ ބިރަކާ ގުޅިގެން އެއަރ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ހުއްޓުވައިފި

ވާރާނަސީއަށް ދަތުރުކުރަމުން ދިޔަ އެއަރ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ބުދަ ދުވަހު ވަނީ މީހުން ބާލައި ފާސްކޮށްފައެވެ. މި ބޯޓަށް ވަނީ ބޮމުގެ އިންޒާރު ދީފައެވެ. މިކަމާ ގުޅިގެން އެއަރޕޯޓްތަކުގައި ސެކިއުރިޓީ ވަރުގަދަކޮށް، ދަތުރުވެރިން ފާސްކުޜާ ވަގުތު އިތުރުކޮށް ގިނަ ވަގުތު ސަލާމަތީ ކަންކަމަށް ހޭދަވާނެ ކަމަށް ބެލައިގެން ތައްޔާރުވުމަށް އަންގާފައިވެއެވެ.

އެ އެއަރލައިނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ ފްލައިޓް ރައްކާތެރިކަމާއެކު ޖައްސައި ބޮމުގެ ނުރައްކާ ވަޒަންކުރާ ކޮމިޓީ (ބީޓީއޭސީ) އިން ބަލައި ފާސްކުރުން ހިންގުމަށްޓަކައި ހުރިހާ ދަތުރުވެރިން ވެސް ބޭލިއެވެ. އެ ފްލައިޓް އަލުން އޮޕަރޭޝަންތައް ފަށާނީ ހުއްދަ ލިބުމުން ކަމަށް ވެސް އެ އެއަރލައިނުން ބުނެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، ދެ ދުވަސް ކުރިން ދިއްލީގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި ކާރެއް ގޮވުމުގެ ސަބަބުން 12 މީހުން މަރުވުމާ ގުޅިގެން މުޅި ގައުމުގައި ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ހާދިސާއަށްފަހު، ފުލުހުން ވަނީ ކަޝްމީރާއި ހަރިޔާނާ އަދި އުއްތަރު ޕްރަދޭޝްގެ އެކި ހިސާބުތަކުން 2,900 ކިލޯގްރާމްގެ ގޮވާތަކެތި ހިފަހައްޓާފައެވެ. މި ތަކެއްޗާ ގުޅުން ހުރި ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މި ބޮމުގެ ހާދިސާގެ ބިރުގެ އިތުރުން، އިންޑިގޯ އެއަރލައިނުން ވެސް ވަނީ ދިއްލީ، މުމްބާއީ، ޗެންނާއީ، ހައިދަރުއާބާދު އަދި ތިރުވަނަންތަޕޫރަމް ފަދަ މުހިންމު ފަސް އެއަރޕޯޓަކަށް އަމާޒުކޮށް އެ އެއާލައިނާ ގުޅުވައިގެން ޑިޖިޓަލް ސެކިއުރިޓީއާ ގުޅޭ އިންޒާރުތައް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އޮފިޝަލުން ވިދާޅުވީ މި ބިރުވެރި އިންޒާރުތައް ލިބިފައިވަނީ އީމެއިލްގެ ބަދަލުގައި އެހެން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ. މިކަމާ ގުޅިގެން އެއަރޕޯޓް އޮޕަރޭޓަރުން ވަނީ މުހިންމު ދަތުރުފަތުރުގެ މަރުކަޒުތަކުގައި ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށް ސްކްރީނިންއަށް އިތުރު ވަގުތު ނަގާނެ ކަމުގެ އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!