ކާނާއާ ބެހޭ އދގެ އެފްއޭއޯ ޖަމްޢިއްޔާ އާއި ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމް އިން ވަނީ 16 ޤައުމެއްގައި ކާނާގެ ރައްކާތެރިކަން ނެތުމުގެ މައްސަލަ އިންތިހާއަށް ގޯސްވަމުންދާ ކަމަށް ބުނެ އިންޒާރު ދީފައެވެ. މިކަމުގެ ސަބަބުން މިލިއަނަކަށް ވުރެ ގިނަ މީހުންގެ ފުރާނަ ނުރައްކަލަށް ވެއްޓި، ޚާއްޞަކޮށް ހަނގުރާމަ އާއި މޫސުމީ ކާރިސާތަކުގެ ސަރަޙައްދުތަކުގައި ހާލަތު ގޯސްވަމުންދާ ކަމަށް އެ ދެ ޖަމްޢިއްޔާގެ ރިޕޯޓުގައި ބުނެފައިވެއެވެ.
"ބަނޑުހައިހޫނުކަން އެންމެ ބޮޑު ސަރަޙައްދުތައް" މި ނަމުގައި ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ހަ ޤައުމަކަށް ބަނޑުހައިހޫނުކަން ކާރިސާގެ ހާލަތަކަށް ވެއްޓުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. އެއީ ސޫދާނާއި، ފަލަސްތީނާއި، ދެކުނު ސޫދާނާއި، މާލީ އާއި، ހައިޓީ އާއި، ޔަމަނެވެ. މި ޤައުމުތަކުގެ ބައެއް ކޮމިއުނިޓީތައް "ބަނޑުހައިހޫނުކަމުގެ މަރުހަލާއަށް ނުވަތަ އެއާ ގާތަށް ވާސިލުވެދާނެ" ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަންބޮޑުވާ މިންވަރަށް ދަށަށް ގޮސްފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކް، ނައިޖީރިއާ، މިޔަންމާ، ސޯމާލިއާ، ސީރިއާ، އަފްޣާނިސްތާން، ބުރުކީނާ ފާސޯ، ޗާޑް، އަދި ކެންޔާ ހިމެނެއެވެ. ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ރެފިއުޖީންގެ ހާލަތު ވެސް ވަނީ ގޯސްވެފައި ކަމަށް ބުނެފައި ވެއެވެ.
ކުޑަކުދިންނަކީ އެންމެ ބޮޑަށް ނުރައްކާވާ ފަރާތްތައް ކަމަށާއި، އެއީ ކާނާގެ ދަތިކަމުގެ ސަބަބުން އެކުދިންގެ ދިފާޢީ ނިޒާމު ބަލިކަށިވެ، ބަލިތަކަށް ހުށަހެޅި މަރުވުމުގެ ނުރައްކާ ބޮޑުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި ދުނިޔޭގެ 16 ތަނުގެ ތެރެއިން 14 ތަނެއްގައި ބަނޑުހައިހޫނުކަމަށް މެދުވެރިވާ އެންމެ މުހިންމު ސަބަބަކީ ހަނގުރާމަ އާއި ހަމަނުޖެހުމެވެ. މީގެ އިތުރުން، އިޤްތިޞާދީ ގޮތުން ދިމާވާ ދަތިތަކާއި، އެތެރޭގެ އިޤްތިޞާދުތައް ބަލިކަށިވުމާއި، އަގުތައް އުފުލުމުގެ ސަބަބުން ވެސް މި ކާރިސާ އިތުރަށް ގޯސްވެއެވެ.



