ޕީއެންސީގެ ބޮޑު ޖަލްސާއަށް ރަށްރަށުން އެތައް ސަތޭކަ ބަޔަކު މާލެއަށް

ވެރިކަންކުރާ ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ރަށްރަށުން މީހުން މާލެއައިސް ޖަލްސާ ފުރާލާނޭ ކަމަށް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފިއެވެ. އިއްޔެއާއި މިއަދު ވެސް އެކި ރަށްރަށުން އެތައް ސަތޭކަ ބަޔަކު މިހާރު ވަނީ މި ޖަލްސާގައި ބައިވެރިވުމަށް މާލެއައިސްފައެވެ. މިރޭގެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗުގައެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.

މިއީ ވެރިކަމުގައި އޮންނަ ޕާޓީއަކުން މާލޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ޖަލްސާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. ގަދައަށް ޕްރޮމޯޓު ކޮށްގެން ބާއްވާ މި ޖަލްސާއަށް އަންނަމުންދާ މީހުންނާއި ޕީއެންސީން ބުނެފައިވަނީ ޖަލްސާ ވަރުގަދަވާނޭ ކަމަށާއި މީހުން އިންތިހާއަށް ގިނަވާނޭ ކަމަށެވެ. ޕީއެންސީގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ މި ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން މާލެ އައިސްފައިވާ މީހުންގެ އަދަދުން ހާމަވެއެވެ.

މި ޖަލްސާގައި ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާނޭ އުފާވެރި ޚަބަރުތައް އިވިގެންދާނެ ކަމަށްވެސް ބުނެއެވެ.

މިރޭގެ ޖަލްސާއިން ރައީސް މުއިއްޒު ދެއްވާނޭ މެސެޖުތަކާއި އިއުލާނުތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ދަނޑިވަޅުގައި، ޕީއެންސީން އުންމީދު ކުރަނީ މާލޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއް ޖަލްސާ މިރޭ ބޭއްވުމަށެވެ. މި ޖަލްސާގެ ސަބަބުން ޕީއެންސީގެ ސިޔާސީ ހަރަކާތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

ހިއްސާ ކުރައްވާ!