ޕީއެންސީގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޖުތިމާއީ ތަރައްޤީއަށާއި ރައްޔިތުންނަށް އެހީތެރިވުމަށް ސަރުކާރުން ކުރަމުން ގެންދާ މުހިންމު ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ މި ކަންކަމުގެ މަޤްޞަދަކީ "މި މުޖުތަމައަކީ އަޅާލާ، އޯގާތެރި، ހަމަހަމަ މުޖުތަމައަކަށް ހެދުން" ކަމަށެވެ. އެގޮތުން، ޞިއްޙީ، އިޤްތިޞާދީ އަދި އިޖުތިމާއީ ގޮތުން ލުއިފަސޭހަ ކޮށްދިނުމަށް ހިންގާ ބައެއް ޕްރޮގްރާމްތަކުގެ ތަފްޞީލު އެމަނިކުފާނު ހާމަކުރެއްވިއެވެ.
އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ތެލެސީމިއާ ބަލީގެ ކޮންމެ ކުއްޖަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާފައެވެ. އެގޮތުން، ތެލެސީމިއާގެ ކޮންމެ ކުއްޖަކަށް މަހަކު 2،000ރ. ދިނުމަށް ހަމަޖައްސާފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ. މިއީ ދިގުދެމިގެންދާ ބައްޔެއްގެ ވޭނުގައި ތިބި އާއިލާތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
"މި މުޖުތަމައަކީ އަޅާލާ، އޯގާތެރި، ހަމަހަމަ މުޖުތަމައަކަށް ހެދުން"
ރޯދަމަހާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ވެސް ބައެއް މުހިންމު ކަންކަން ހަމަޖައްސަވާފައިވެއެވެ. ކުރީ އަހަރުތަކެކޭ އެއްފަދައިން، ރޯދަމަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ބަހާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ރޯދަމަހު ކަރަންޓު ބިލަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށާއި، ކޮންމެ ޑޮމެސްޓިކް ބިލަކަށް ގިނަވެގެން ނަގާނީ 400ރ. ކަމުގައި ވިދާޅުވިއެވެ. ބާކީވާ ބައި ސަރުކާރުން ހަމަޖައްސައިދޭ ޑިސްކައުންޓެއްގެ ގޮތުގައި ހިމެނޭނެއެވެ.
އިޤްތިޞާދީ ގޮތުން އިޖުތިމާޢީ ބައިވެރިވުން އިތުރުކުރުމަށްޓަކައި، އުމުރުން ދޮށީ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންނަށް ވަޒީފާތަކަށް ގޮސް މަސައްކަތް ކުރެވޭނެ ގޮތް ހެދުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު ރައީސް ދެއްވިއެވެ. މި ބިލަކީ ވަޒީފާގެ މާހައުލުގައި ދޮށީ އުމުރުގެ މީހުންގެ ތަޖުރިބާގެ ބޭނުން ހިފުމަށް ހުޅުވާލެވޭނެ ފުރުޞަތެކެވެ.





