ޚަޒާނާ ލޫޓުވާލައިގެން ގެދޮރު ހެދި ރައީސުންނަށް އެލަވަންސް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ، ދައުލަތުގެ ހަޒާނާ ލޫޓުވާލައިގެން އަމިއްލަ ގެދޮރު ހައްދަވާފައިވާ ކުރީގެ ބައެއް ރައީސުންނަށް އޮފީސް ހިންގުމަށް ދޭ 175،000 ރުފިޔާގެ އެލަވަންސް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މި ވާހަކަފުޅު އޭނާ ދެއްކެވީ، ކުރީގެ ރައީސުންނަށް އިނާޔަތްތަކާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހާ ގުޅިގެންނެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. ޝާހިދު ހުށަހެޅުއްވި އިސްލާހުގެ އެންމެ މުހިންމު އެއް ބަދަލަކީ، ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ލިބޭ 175،000 ރުފިޔާގެ އިނާޔަތް ކަނޑާލުމެވެ. މި އިނާޔަތް ކަނޑާލުމަށް ފަލާހު ވަނީ ވަރަށް ބޮޑަށް ތާއީދުކުރައްވާފައެވެ.

ފަލާހު ތުހުމަތުކުރެއްވި ގޮތުގައި، ބައެއް ބޭފުޅުންގެ ވެރިކަމުގައި ހިޔާނާތްތެރިވެ، ދައުލަތުގެ ހަޒާނާއިން ވައްކަންކޮށް ބޮޑެތި އިމާރާތްތައް އަޅާފައިވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ސީދާ ނުގެންނެވި ނަމަވެސް، ފަލާހު ވިދާޅުވީ އެއީ ކޮން ބޭފުޅެއްކަން ކޮންމެ ރައްޔިތަކަށް ވެސް އެނގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ހަޒާނާއިން ވައްކަންކޮށްގެން ހަދާފައިވާ އިމާރާތެއްގައި އަމިއްލައަށް ސިޔާސީ މަސައްކަތްކުރާ ނަމަ، އެކަން ކުރަނީ ދައުލަތުން ފައިސާ ލިބިގެން ކަމަށް ބެލެވޭނެ ކަމަށެވެ. "ދައުލަތް ލޫޓުވައި އަމިއްލަ ދިރިއުޅޭނެ ގެތައް ހެއްދެވި ބޭފުޅުންނަށް މަހަކު އެ އިނާޔަތް ދޭން ޖެހޭކަމަށް ގަބޫލު ނުކުރެވޭ،" ފަލާހު ވިދާޅުވިއެވެ.

އިސްލާހުގައި ހިމެނޭ އެހެން މުހިންމު ބަދަލުތަކުގެ ތެރޭގައި، ކުރީގެ ރައީސަކު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާނަމަ ހިމާޔަތާއި ރައްކާތެރިކަން ދިނުން ލާޒިމެއް ނޫންކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެބޭފުޅަކު ރާއްޖެ ވަޑައިގެންފި ނަމަ ހިމާޔަތާއި ރައްކާތެރިކަން ދޭންވާނެ ކަމަށް ބިލުގައި ބުނެއެވެ. އަދި ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގައި ވަނީ ކުރީގެ ރައީސަކު ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ އެހެން މަގާމެއް އަދާކުރައްވާނަމަ އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ނުލިބޭނެ ކަމަށް ވެސް ހިމަނާފައެވެ.

ގާނޫނުގެ 8 ވަނަ މާއްދާގައި މިހާރު އޮތް ގޮތުން، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް، މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރުމަށާއި، ބޭނުންވެއްޖެ ހިނދެއްގައި ސަރުކާރާ ގުޅިގެން ކަންކަން ކުރުމަށްޓަކައި އޮފީހެއް ހިންގުމަށްޓަކައި މަހަކު 175،000 ރުފިޔާ ދެއެވެ. ފަލާހު ވިދާޅުވީ މިއީ ވަރަށް ބޮޑު ހަރަދެއް ކަމަށާއި، މިހާރުގެ 5 ރައީސުންނަށް މި އިނާޔަތުގެ ގޮތުގައި މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށެވެ.

ފަލާހު ވަނީ ފަސް ރައީސުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ”މައުމޫން ފައުންޑޭޝަން“ ގެ ނަމުގައި ހިދުމަތްތައް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފަ އެވެ. އަދި ސިޔާސީ ކަންކަމާ ދުރުހެލިވެވަޑައިގެން، އެ ދުވަސްވަރުގެ ސަރުކާރަކަށް ގެއްލުންވާނެ ގޮތަކަށް ވާހަކަ ދައްކަވާތަން ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާހުތަކާ ބެހޭ ބަހުސްގައި ފަލާހު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކާއި ރައްކާތެރިކަމަކީ، އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވުމަށްފަހު މަގާމުން ވަކިވެވަޑައިގެން ތިއްބަވާ ބޭފުޅުންނަށް ހައްގުވާ އިނާޔަތެކެވެ. ފަލާހު ވިދާޅުވީ، އެއީ އާދައިގެ ރައްޔިތަކު ގައުމަށް ކުރާ ހިދުމަތަށްވުރެ އެތައް ގުނައެއް ބޮޑު ހިދުމަތެއް ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވާތީ ކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ އާބާދީ ކުޑަ، އިގްތިސާދީ ގޮތުން ބަލި އަދި ސިޔާސީ ހަމަނުޖެހުންތައް ގިނަ ގައުމެއްގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތަކީ ވަރަށް ބުރަ އަދި އުނދަގޫ މަސްއޫލިއްޔަތެއް ކަމަށެވެ. ނަމަވެސް، ކުރީގެ ރައީސުންގެ އަމަލުތައް، ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި އަމަލުތަކާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް ހުރިތޯ ފަލާހު ސުވާލު އުފެއްދެވިއެވެ.

އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ކުރީގެ ރައީސުންނަށް ދޭ އިނާޔަތެއްގެ ގޮތުގައި ޖުމްލަ 19 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. މި އެލަވެންސްތަކުގެ ތެރޭގައި ފައިސާގެ އެލަވެންސާއި، ލިވިން އެލަވެންސް، އޮފީސް ހިންގުމުގެ ހަރަދު، އަދި ބޭސްފަރުވާގެ ހަރަދު ހިމެނެއެވެ. އަންނަ އަހަރު ރައީސް މައުމޫނަށް ޖުމްލަ 4.3 މިލިއަން ރުފިޔާ، އަދި ރައީސް ޑރ. މުހައްމަދު ވަހީދަށް 3.4 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 4 މިލިއަން ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ހިއްސާ ކުރައްވާ!