ސަލާމަތީ ކަންކަމާ ގުޅިގެން 2024 އަދި 2025 ވަނަ އަހަރު ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ބޯޑަރު ހުރަސް ކުރާ މުހިންމު ތަންތަން ކަމަށްވާ ތޯރްކަމް އާއި ޗަމަން، ތަކުރާރުކޮށް ބަންދުކުރުމާ ގުޅިގެން، އަފްޣާނިސްތާނަށް ވިޔަފާރީގެ މަގުތައް ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ. މި ތަންތަން ބަންދުކުމުގެ ސަބަބުން އަފްޣާނިސްތާނުގެ ރަސްމީ ވިޔަފާރީގެ 40 އިންސައްތަ ހުއްޓި، ޓްރަކްތައް ތާށިވެ، މުދަލަށް ޖެހުމުގެ މައްސަލަތައް ކުރިމަތިވިއެވެ. މިކަމުގެ ސަބަބުން އަފްޣާނިސްތާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެގައުމުން ދަނީ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަށްޓަކައި އެހެން ސަރަހައްދީ ފަރާތްތަކާ ގުޅުންތައް ބަދަހިކުރަމުންނެވެ.
އިގްތިސާދީ އަސަރުތަކާއި ބަދަލުތައް:
ޕާކިސްތާނުގެ ސަރަހައްދު ހުރަސްކުރާ މަގު ބަންދުވުމުގެ ސަބަބުން އަފްޣާނިސްތާނުގެ އެކްސްޕޯޓަރުންނަށް ކޮންމެ މަހަކު 200 މިލިއަން ޑޮލަރަށް ވުރެ ގިނައިން ގެއްލުންވެފައިވެއެވެ.
އަދި ތެލާއި، ގޮދަން، އަދި ބޭސްފަރުވާއަށް ބޭނުންވާ މުދާ އެތެރެކުރުން ލަސްވެ، އިންފްލޭޝަން ބޮޑުވެ، މުދާ މަދުވުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.
އަފްޣާނިސްތާނުގެ އޮފިޝަލުން ލަފާކުރާ ގޮތުގައި މި ބަދަލުތައް ދެމިގެންދާ ނަމަ، ޕާކިސްތާނާ ނުލައި ކުރާ ވިޔަފާރި 2027 ވަނަ އަހަރާ ހަމައަށް 10 ބިލިއަން ޑޮލަރަށް އިތުރުވެދާނެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތަކާއި، މައުދަން އެކްސްޕޯޓުކުރުމާއި، ލޮޖިސްޓިކްސްގެ ދާއިރާތަކަށް ފުރުސަތުތަކެއް ހުޅުވި، އަފްޣާނިސްތާނުގެ އިގްތިސާދީ ހަރުދަނާކަން އިތުރުވެގެންދާނެއެވެ.
އިތުރު ބަދަލު މަގުތައް:
އަފްޣާނިސްތާނުން ދަނީ ވިޔަފާރީގެ މުހިންމު މަގުތައް ބަދަލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
އޭގެ ތެރޭގައި އެންމެ މުހިންމު އެއް މަގެއްގެ ގޮތުގައި ފާހަގަކުރެވެނީ އީރާނުގެ ޗަބަހާރު ބަނދަރެވެ.
އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްކޮށްފައިވާ މި ބަނދަރު ވަނީ އަފްޣާނިސްތާނަށް ވަރަށް ބޮޑު އެހީއަކަށް ވެފައެވެ. 2022 ވަނަ އަހަރުން ފެށިގެން
މި ބަނދަރު މެދުވެރިކޮށް އިންޑިއާއިން 1.5 މިލިއަން ޓަނުގެ ގޮދަނާއި ކާނާގެ އެހެނިހެން ބާވަތްތައް ފޯރުކޮށްދީފައިވެއެވެ.
މީގެ އިތުރުން، މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ވިޔަފާރި ފުޅާކުރަމުންދާއިރު، އުޒްބެކިސްތާނާއެކު ކުރާ ވިޔަފާރި 2024 ވަނަ އަހަރު 1.1 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.
އަދި ކަޒަކިސްތާނުން ވަނީ 3 ބިލިއަން ޑޮލަރުގެ ދަތުރުފަތުރުގެ ޕްލޭނެއް ހުށަހަޅާފައެވެ.
އިންޑިއާއާ ގުޅުވައިގެން ދިއްލީ، އަމްރިޓްސަރ، އަދި މުމްބާއީން ކާބުލަށް ކުރާ ވައިގެ ކާގޯ ދަތުރުތައް އިތުރުކުރުމުން ވިޔަފާރިއަށް ބާރު ލިބިފައިވެއެވެ.
ޖިއޯޕޮލިޓިކަލް އަސަރުތައް:
މި ބަދަލުތަކުގެ ސަބަބުން ޕާކިސްތާނުގެ ބާރު ކުޑަވެގެންދާނެއެވެ.
ބޯޑަރު ބަންދުކޮށްގެން އަފްޣާނިސްތާނަށް ފިއްތުން ކުރިމަތިކުރުވުމުގެ ގާބިލުކަން ޕާކިސްތާނަށް ގެއްލޭނެއެވެ.
އަފްޣާނިސްތާނަކީ ސަރަހައްދީ ގުޅުންތަކުގެ މުހިންމު މަރުކަޒަކަށް ވެގެންދިއުމުގެ ފުރުސަތު މިކަމުގެ ސަބަބުން ބޮޑުވެގެންދެއެވެ.
އިންޑިއާ ވަނީ އަފްޣާނިސްތާނުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރެވި، ވިޔަފާރީގެ ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަމުންނެވެ.
ހުރި ގޮންޖެހުންތައް:
ވިޔަފާރީގެ މަގުތައް އަފްޣާނުން ބަދަލުކުރަމުންދާއިރު ވެސް ގިނަ ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ.
އޭގެ ތެރޭގައި އެތެރޭގައި ރަނގަޅު މަގުތައް ނެތުމާއި، ފިނި މުދާ ގުދަން ކުރުމަށް ކޯލްޑް ސްޓޯރޭޖްގެ މަދުކަމާއި ރޭލު ދަތުރުފަތުރުގެ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ދަތުރުފަތުރުގެ ހަރަދު 20 އިންސައްތާއާއި 40 އިންސައްތައާ ދެމެދަށް އިތުރުވެފައިވެއެވެ.
މީގެ އިތުރުން އުތުރުގެ މަގުތަކުގައި ސަލާމަތީ ނުރައްކާތައް ހުރުމާއި، އީރާނަށް އެޅިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބަނދަރުގެ މަސައްކަތްތަކަށް ހުރަސް އެޅެއެވެ.
އަދި ކަސްޓަމްސްގެ އާމްދަނީ 25 އިންސައްތަ ދަށްވެފައިވުމުން، އަފްޣާނިސްތާނުގެ 6 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ޑެފިސިޓް ގެ ހާލަތު އިތުރަށް ގޯސްވެފައިވެއެވެ.
Afghanistan Turns Away From Pakistan as Border Closures Push Trade Elsewhere







