ބަލޫޗިސްތާންގައި ޕާކިސްތާނަށް އެމެރިކާއިން އެހީތެރިވުން ކުށްވެރިކޮށްފި

ބަލޫޗީ ނެޝަނަލް މޫވްމަންޓް (ބީ.އެން.އެމް) އިން ވަނީ ޕާކިސްތާނުގެ "ރެކޯ މަޢުދަން ނެގުމުގެ މަޝްރޫޢު" އަށް އެމެރިކާގެ އެކްސްޕޯޓް އިންޕޯޓް ބޭންކުން 1.25 ބިލިއަން ޑޮލަރުގެ މާލީ އެހީއެއް ދިނުމަށް ނިންމުމުން އެކަން ކުށްވެރިކޮށްފައެވެ. މި އެހީގެ ސަބަބުން ބަލޫޗިސްތާނުގައި ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކުރާ އަނިޔާވެރިކަން އިތުރުވެގެންދާނެ ކަމަށް ބީ.އެން.އެމް. އިން އިންޒާރުދީފައިވެއެވެ.

ބީ.އެން.އެމް. އިން ބުނި ގޮތުގައި، މި ލޯނަކީ އަޚްލާޤީ މިންގަނޑުތަކާ ޚިލާފަށް އެމެރިކާއިން ދީފައިވާ ލޯނެއް ކަމަށެވެ. އަދި އެމީހުން ވަނީ އެމެރިކާއިން ބަލޫޗިސްތާނުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ ބަދަލުގައި، ޕާކިސްތާނުން "ހިފާފައިވާ ސަރަހައްދު" އަށް އެހީތެރިވަމުންދާ ކަމަށް ބުނެ ތުހުމަތު ކޮށްފައެވެ.

ބަލޫޗިސްތާނަކީ ޕާކިސްތާންގައި ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ. މި ސަރަހައްދުގައި ބާޣީ ހަނގުރާމަވެރިން ޕާކިސްތާންގެ ސިޔާދަތަށް ގޮން ޖަހަމުން ދެއެވެ.

ބީ.އެން.އެމް. އިން ބުނާ ގޮތުގައި، މި މާލީ އެހީގެ ސަބަބުން ބަލޫޗިސްތާންގެ ގުދުރަތީ ވަސީލަތްތައް ނެގުން އިތުރު ވެގެން ދާނެއެވެ. އަދި ބަލޫޗިސްތާނުގެ ސަރަހައްދުތަކުގައި އަސްކަރީ އޮޕަރޭޝަންތައް އިތުރުވެ، ރައްޔިތުން ގަދަކަމުން އެމީހުންގެ ވަޒަން ދޫކޮށްދާން ޖެހިދާނެ ކަމަށާއި، އަދި ފާރަވެރިކަން އިތުރުވެ ރައްޔިތުންގެ މިނިވަންކަން ހަނިކުރުމުގެ އަމަލުތައް ގިނަ ވާނެ ކަމަށެވެ.

އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންބޮޑުވުންތައް އަލިއަޅުވާލަމުން ބީ އެން.އެމް އިން ބުނެފައި ވަނީ އެ ސަރަހައްދުގެ ޒުވާނުން ތިބީ ސިއްރު ބަންދު މަރުކަޒުތަކުގައި ބަންދުކޮށްފައި ކަމަށެވެ. އަދި އެމީހުންގެ އާއިލާތައް ވަނީ ދާއިމީ ހިތާމައިގެ ހާލަތެއްގައި ކަމަށެވެ.

މި ކަމާ ގުޅިގެން ބީ.އެން.އެމް އިން ވަނީ އެމެރިކާއަށް އިލްތިމާސެއް ކޮށްފައެވެ. އެ ޖަމާއަތުން އެމެރިކާއަށް ގޮވާލާފައިވަނީ އަނިޔާވެރިކަމަށްވުރެ އިންސާނީ ހައްގުތަކަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅުމަށެވެ. އަދި މިފަދަ އެހީތެރިކަމަކީ ޒަޚަމްތައް ރަނގަޅުކުރުމުގެ ބަދަލުގައި އެ ޒަޚަމްތައް ފުންކޮށްލާނެ ކަމެއް ކަމަށް ބީ.އެން.އެމް. އިން އިންޒާރުދީފައިވެއެވެ.

ރެކޯ މައުދަން ނެގުމުގެ މަޝްރޫޢަކީ ދުނިޔޭގެ އެންމެ ބޮޑެތި މުހިންމު މައުދަނ ްނެގުމުގެ މަޝްރުއެވެ. މިތާނގައި ނުނަގާ ހުރި ލޮޔާއި ރަނުގެ މަޢުދަންތައް ގިނައިން ހުރި ކަމަށް ވެއެވެ.

އެމެރިކާގެ ބިލިއަން ޑޮލަރުގެ މި ލޯނަކީ ތަރައްޤީގެ މަޝްރޫޢެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ބީ.އެން.އެމް. އިން ބުނަނީ މިއީ ބަލޫޗިސްތާނުގެ ވަސީލަތްތައް ބޭނުންކޮށްގެން ފައިދާ ނެގުމުގެ ޢަމަލެއް ކަމަށެވެ. އަދި މިއީ އެމީހުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގަށް ހުރަސްއަޅާ ކަމެއް ކަމަށެވެ.

 

ހިއްސާ ކުރައްވާ!