ޕާކިސްތާނުގެ ޕޯލިއޯ ޓީމަކަށް ދިން ހަމަލާއެއްގައި ފުލުހަކާއި އާންމުންގެ މީހަކު މަރުވެއްޖެއެވެ. މި ހަމަލާ ދީފައި ވަނީ ޚައިބަރު ޕަޚްތުންޚްވާ (ކޭޕީ) ޕްރޮވިންސްގެ ބަޖާއުރު ޑިސްޓްރިކްޓްގައެވެ.
މި ހަމަލާ ދީފައިވަނީ ޕޯލިއޯ ވެކްސިން ދިނުމަށް އެ ޑިސްޓްރިކްޓްގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެންނެވެ. ޕާކސްތާނުން ވަނީ ޑިސެމްބަރު 21 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕޯލިއޯ ކެމްޕޭނެއް ފަށާފައެވެ.
ފުލުހުން ބުނިގޮތުގަިއ މަރުވި މީހާއަކީ ބަޑި މީހުންގެ ފަހަތުން ދުވި މީހެއް ކަމަށެވެ. މި ހަމަލަ ދިނީ ކޮން ބައެއްކަމެއް ނޭނގެއެވެ. ފުލުހުން ދަނީ މި ހަމަލަ ދިޮން ހިސާބު ބަލައި ފާސްކުރަމުންނެވެ.
ކޭޕީގެ ޗީފް މިނިސްޓަރު ސުހައިލް އަފްރީދީ ވަނީ އެ ހަމަލާ ކުށްވެރިކުރައްވާފައެވެ. އަދި ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.
ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ޖެހުމުގެ މަސައްކަތުގައި އުޅޭ މީހުންނަށް މީގެ ކުރިން ވެސް ހަނގުރާމަވެރިން އަމާޒު ކޮށްފައި ވެއެވެ. އެހެންވެ އެޓީމް ތަކާއެކު ހަތިޔާރުއެޅި ފުލުހުން ހަރަކާތްތެރި ވެއެވެ.
މިދިޔަ އަހަރުވެސް ކޭޕީގައި ޕޯލިއޯ ވެކްސިން ދޭން އުޅުނު ކެމްޕޭންތަކުގައި 20 މީހަކު މަރުވެ، 53 މީހަކަށް އަނިޔާވެފައިވެ އެވެ.
ޕާކިސްތާނުގައި މިއަހަރުގެ މިހާތަނަށް ޕޯލިއޯގެ 30 ކޭސް ރެކޯޑްކޮށްފައިވެއެވެ. އަދި ކޭޕީގައި 19 މީހުން ވަނީ ޕޯލިއޯއަށް ޕޮޒިޓީވްވެފައެވެ.





