ފެންޓަނައިލްއަކީ ބޮޑެތި ގެއްލުންދޭ ހަތިޔާރެއްގެ ގޮތުގައި ޓްރަމްޕް ކަނޑައަޅުއްވައިފި

އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ މީހުން ދެވި ހިފާފައިވާ މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ފެންޓަނައިލްއަކީ ބޮޑެތި ގެއްލުން ދޭ ހަތިޔާރުގެ ބާވަތެއް ކަމަށް ކަނޑައަޅުއްވައި ރިއާސީ ގަރާރެއް ނެރުއްވާފައެވެ.

ބޮޑެތި ގެއްލުން ދޭ ހަތިޔާރު ނުނީ ވޭޕަން އޮފް މާސް ޑެސްޓްރަކްޝަން (ޑަބްލިޔުއެމްޑީ) އަކީ އެމެރިކާއިން އިރާގަށް އަރައިގަތުމަށް ސަބަބެއް ކަމުގައި ދުނިޔެއަށް ދެއްކި ބަހަނާއެވެ. އެމެރިކާއިން ދަނީ ވެނެޒުއެލާއާ ދެކޮޅަށް އިރާގްގައި ސައްދާމާ ދެކޮޅަށް ގެންގުޅުނު ފަދަ ސިޔާސަތަކާއި ބަސްމަގެއް ގެންގުޅެމުންނެވެ.

ޓްރަމްޕް ވިދާޅުވަނީ ފެންޓަނިލް އަކީ "މަސްތުވާތަކެތީގެ ބާވަތަކަށް ވުރެ ކެމިކަލް ހަތިޔާރަކާ ގާތް އެއްޗެއް" ކަމަށެވެ.

މަސްތުވާތަކެތި އުފެއްދުމާއި ވިއްކުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާ ލިބުމާ ޓްރަމްޕް ވަނީ ގުޅުވާފައެވެ.

ޓްރަމްޕް ވަނީ ފެންޓަނައިލް ޓްރެފިކިންގެ ތަހުގީގުތަކާއި ދައުވާތައް ކުރިއަށް ގެންދިއުމަށް އެޓާނީ ޖެނެރަލް ޕޭމް ބޮންޑީއަށް އަމުރުކޮށްފި އެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓާ ހަވާލު ކޮށްފައި ވަނީ ފެންޓަނައިލް ގެ ވިޔަފާރިއާ ގުޅިފައިވާ އެސެޓްތަކާއި މާލީ އިދާރާތަކަށް އަމާޒުކޮށްގެން ފިޔަވަޅު އަޅާށެވެ.

ޓްރަމްޕްގެ މި ފިޔަވަޅަށް ގާނޫނީ ފަރާތްތަކުން ވަނީ ގޮން ޖައްސަވާފައެވެ.، އެފަރާތްތަކުން ވިދާޅުވަނީ އެމެރިކާގެ ޤާނޫނުގައި މިހާރުވެސް ޑަބްލިޔުއެމްޑީ މާނަކޮށްފައިވާނެ ކަމަށެވެ. އަދި އެއީ ބަޔޮލޮޖިކަލް އެޖެންޓްތަކާއި ވިހަ މާއްދާތައް ކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ. އަދި އެބޭފުޅުން ވިދާޅުވަނީ ޓްރަމްޕަށް ރިއާސީ ގަރާރަކުން ގާނޫނަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!