ބޭރު ގައުމެއްގައި ރަޝިޔާ މީހަކު ހައްޔަރުކޮށްފިނަމަ ސިފައިން ފޮނުވޭ ގޮތަށް ގާނޫނެއް އެކުލަވާލަނީ

ބޭރު ގައުމުތަކުގައި ހައްޔަރުކޮށްފައި ތިބޭ ރަޝިޔާގެ ރައްޔިތުންނަކީ ނުހައްގުން ކުށްވެރިވެފައިވާ ނުވަތަ ބަންދުކޮށްފައިވާ ބައެއް ކަމަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކަށް ފެނިއްޖެ ނަމަ، އެމީހުން މިނިވަންކުރުމަށް ރަޝިޔާގެ ސިފައިންނަށް ބާރުލިބޭ ގާނޫނެއް ފާސްކުރުމަށް މޮސްކޯއިން ދަނީ ތައްޔާރުވަމުންނެވެ. ރައީސް ލަޑީމިއަރ ޕޫޓިން ތާއީދުކުރައްވާ މި ބިލާ ގުޅޭގޮތުން ރަޝިޔާގެ ޕާލަމެންޓްގެ ދަށުގެ ސްޓޭޓް ޑޫމާ ގެ ރައީސް ވިއަޗެސްލާވް ވޮލޮޑިން މިއަދު ވިދާޅުވީ، މިއީ "އެކުވެރި ނޫން ގައުމުތަކުގެ އަމަލުތަކުން ރަޝިޔާގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުން ވަރުގަދަކުރުމަށް" އަޅާ ފިޔަވަޅެއް ކަމަށާއި، މަޖިލީހުގެ ތެރެއިން މި އިސްލާހު ވަރަށް އަވަހަށް ފާސްކުރާނެ ކަމަށެވެ.

ސަރުކާރުން މިހާރުވެސް ހުއްދަ ދީފައިވާ މި ބިލު އެއްވެސް ހުރަހެއް ނެތި ފާސްވާނެ ކަމަށް ބެލެވެއެވެ. ހުށަހަޅާފައިވާ އިސްލާހުތަކުގެ ދަށުން، ބޭރު ގައުމުތަކުގެ ކޯޓުތަކުން ނުވަތަ ބައިނަލްއަގުވާމީ ފަނޑިޔާރުގެތަކުން ރަޝިޔާގެ ރައްޔިތުންގެ މައްޗަށް ކުރާ ހުކުމްތަކަކީ "އިންސާފުވެރި ނޫން" ހުކުމްތަކެއް ކަމަށް މޮސްކޯއަށް ފެނިއްޖެ ނަމަ، އެމީހުން މިނިވަންކުރުމަށް ރަޝިޔާގެ ސިފައިން ފޮނުވިދާނެއެވެ.

މި ފިޔަވަޅު އަޅަން މި ނިންމީ ރަޝިޔާއާއި ހުޅަނގުގެ ގައުމުތަކާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޔޫކްރެއިންގައި ހަނގުރާމައިގެ ކުށްތައް ކުރިކަމުގެ ތުހުމަތުގައި ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައި.ސީ.ސީ) އިން ވަނީ ޕޫޓިން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ. ރަޝިޔާގެ އަސްކަރީ އުސޫލުތައް މިހާރުވެސް އޮންނަ ގޮތުން، އެ ގައުމުގެ ރައްޔިތުން ހިމާޔަތްކުރުމަށް ގައުމުން ބޭރުގައި ބާރުގެ ބޭނުންކުރުމުގެ ހުއްދަ ލިބެއެވެ. 2022 ވަނަ އަހަރު ޔޫކްރެއިންއަށް އެރުމުގައިވެސް މޮސްކޯއިން ބޭނުންކުރީ މި އުސޫލެވެ. އެގޮތުން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކަށް ރަޝިޔާގެ ރައްޔިތުކަން ވަނީ ދީފައެވެ.

މީގެ އިތުރުން، ބޭރު ގައުމުތަކުގެ ކޯޓުތަކުން ނެރޭ ހުކުމްތަކަކީ ރަޝިޔާގެ ގައުމީ މަސްލަހަތާ ފުށުއަރާ ހުކުމްތަކެއް ކަމަށް ފެނިއްޖެ ނަމަ، އެ ހުކުމްތަކަށް އަމަލުނުކުރުމުގެ ބާރުދޭ ގާނޫނުތަކެއްވެސް ރަޝިޔާއިން ވަނީ އެކުލަވާލާފައެވެ. ކައުންސިލް އޮފް ޔޫރަޕުން ވަކިވުމަށްފަހު، ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސްގެ ނިންމުންތަކަށް މޮސްކޯއިން މިހާރު އަމަލެއް ނުކުރެއެވެ. އަދި އައި.ސީ.ސީ އަކީ ގާނޫނީ ބާރުވެރިކަން އޮތް ފަނޑިޔާރުގެއެއް ކަމަށްވެސް ރަޝިޔާއިން ގަބޫލެއް ނުކުރެއެވެ.

ހިއްސާ ކުރައްވާ!