އީރާނުގެ އެކި ސިޓީތަކުގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، މީހުން މަރުވެއްޖެ

އީރާނުގެ އެކި ސަރަހައްދުތަކުގައި މިއަދު ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިގޮތުން އިރާގާ ބޯޑަރު ހިއްސާކުރާ ކަރްމަންޝާހް ޕްރޮވިންސްގެ ގަސްރުޝީރިންގެ އިތުރުން، ހޫޒިސްތާން ޕްރޮވިންސްގެ ހުއްރަމްޝަހަރު، އާބާދާން އަދި އަހްވާޒް ފަދަ ސިޓީތަކުން ވަނީ ގޮވުންތަކުގެ އަޑު އިވިފައެވެ.

ގަސްރުޝީރިންގެ ގަވަރުނަރު މުހައްމަދު ޝަފީއީ ވިދާޅުވި ގޮތުގައި އެ ސިޓީން އިވުނު އަޑުތަކަކީ އީރާނުގެ ސިފައިން ކުރިއަށްގެންދިޔަ ތަމްރީނުތަކެއްގެ އަޑުތަކެކެވެ. އޭނާ ވިދާޅުވީ މިއީ ކުރިން ރޭވިގެން ކުރިއަށްދިޔަ ތަމްރީނުތަކެއް ކަމަށާއި، މިއީ ގައުމުގެ ދިފާއީ ގާބިލްކަން އިތުރުކުރުމަށް ދޭތެރެ ދޭތެރެއިން ބާއްވާ ހަރަކާތްތަކެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ޔަގީންކޮށްދެއްވިއެވެ.

ހަމައެއާއެކު، ހުއްރަމްޝަހަރުގެ ގަވަރުނަރު ޝާހިން ހާޝިމީ ވިދާޅުވީ އެ ސަރަހައްދުން އިވުނު އަޑުތަކަކީ އިރާގުގެ ސިފައިން ބޯޑަރު ސަރަހައްދުގައި ހުރި ބޯލްޑް ހަނގުރާމައިގެ ބާކީ ހުރި ގޮވާތަކެތި ނައްތާލުމަށް ހިންގި އޮޕަރޭޝަނެއްގެ އަޑުތަކެއް ކަމަށެވެ. މި ގޮވުންތަކަކީ އީރާނުގެ އެތެރޭގައި ހިނގި އެއްވެސް ހާދިސާއަކާ ގުޅުންހުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އަހްވާޒް ސިޓީގެ ކިޔާންޝަހަރު ސަރަހައްދުގައި ހުރި ހަތަރު ފްލެޓްގެ އިމާރާތެއްގައި ގޭސް ގޮވުމުގެ ހާދިސާއެއް ހިނގައި، އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި މަންމައާއި ބައްޕަގެ އިތުރުން ދެ ކުޑަކުދިން ހިމެނެއެވެ. ރެސްކިއު ޓީމުތަކުން ވަނީ އިމާރާތުގެ ދަށުން ތިން އަހަރުގެ ކުއްޖަކާއި އަންހެނަކު ސަލާމަތްކޮށްފައެވެ.

މީގެ އިތުރުން، ހޮރްމުޒްގާން ޕްރޮވިންސްގެ ބަންދަރު އައްބާސްގެ 8 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއްގައި މިއަދު މެންދުރު ވަނީ ބާރުގަދަ ގޮވުމެއް ގޮވާފައެވެ. މި ހާދިސާގައި 10 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އިމާރާތުގެ ދެވަނަ އަދި ތިންވަނަ ފްލޯއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ކަމާބެހޭ ފަރާތްތަކުން ދަނީ މި ގޮވުން ގޮވަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.

ހޮރްމުޒްގާންގެ އިމަޖެންސީ މެނޭޖްމަންޓްގެ ޑައިރެކްޓަރު މެހްރުދާދު ހަސަންޒާދާ ވަނީ ރަސްމީ މަސްދަރުތަކުން ލިބޭ މައުލޫމާތަށް އިތުބާރު ކުރުމަށާއި، ދޮގު ހަބަރުތަކަށް ސަމާލުކަން ނުދިނުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

ހިއްސާ ކުރައްވާ!