ޖެނުއަރީ 29، 2024 ގައި ޔަހޫދީން ހިންގި ހަނގުރާމައިގެ ޖަރީމާއެވެ. ހިންދު ރަޖަބްގެ ހަޔާތުގެ ފަހު ވަގުތުކޮޅު، އޭނާގެ އާއިލާގެ ހަ މީހެއްގެ ފުރާނަ ނެތް މަސްގަނޑުތަކުގެ މެދުގައި ކާރެއްގެ ތެރޭގައި ތާށިވެފައި އިނދެ، އޭނާގެ މަންމައަށާއި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އާދޭސްކުރަމުންދިޔަ ނިކަމެތި އަޑު އިވެމުންދިޔައެވެ.
އެހިނދު، ޣައްޒާ ސިޓީގައި ހަރަކާތްތެރިވާ ރެޑް ކްރެސެންޓްގެ އެމްބިއުލާންސެއް އެ ފަސް އަހަރުގެ ކުޑަކުއްޖާ ސަލާމަތްކުރުމަށް އަވަސްވެގަތެވެ. އެމީހުން ހަރަކާތްތެރިވީ އިސްރާއީލުގެ ސފައިންގެ ހުއްދަ ލިބުމާއެކުއެވެ. ނަމަވެސް، ސައިރަން އަޅަމުންދިޔަ އެމްބިއުލާންސަށް ވެސް އިސްރާއީލުގެ ޓޭންކަކުން ހަމަލާ ދިނެވެ. އޭގައި ތިބި އެހީދޭ 2 މީހުން ޝަހީދު ކޮށްލިއެވެ. މި ހާދިސާގައި ޔަހޫދީން ޝަހީދުކޮށްލި 9 މީހުންގެ ހަށިތައް ފެނުނީ އޭގެ 12 ދުވަސް ފަހުންނެވެ.
މި ހިތާމަވެރި ހާދިސާއަށް ދެ އަހަރު ފުރުނުއިރު، ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މިއީ އިސްރާއީލު ސިފައިން ދިން "ޑަބަލް ޓެޕް" ހަމަލާއެއް ކަމަށެވެ. "ޑަބަލް ޓެޕް" ހަމަލާއަކީ އެއް އަމާޒަކަށް ދެ ފަހަރު ހަމަލާދިނުމެވެ. މީގެ ބޭނުމަކީ ފުރަތަމަ ހަމަލާގައި އަނިޔާވި މީހުންނަށް އެހީތެރިވާން އަންނަ ސިއްހީ އެހީތެރިންނާއި އާންމުންނަށް އަމާޒުކޮށް އެމީހުން ޒަޚަމްކޮށްލުން ނުވަތަ މަރާލުމެވެ.
ދުނިޔޭގައި އިންސާފަށް މަސައްކަތް ކުރާ ކެމްޕޭން ގްރޫޕެއް ކަމަށްވާ 'އަވާޒް' އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މި މީހުން ޝަހީދުކޮށްލުމަކީ ޖެނީވާ ކޮންވެންޝަނާއި ރޯމް ސްޓެޓިއުޓްގެ ދަށުން ބައިނަލްއަގުވާމީ ހަނގުރާމައިގެ ގާނޫނުތަކާ ޚިލާފަށް ހިންގާފައިވާ ޖަރީމާތަކެކެވެ.
"އާވާޒްގެ ރިޕޯޓުގައި އިންސާނީ ހައްގުތަކާ ހިލާފު 40 އަށްވުރެ ގިނަ ކަންތައްތައް ފާހަގަކޮށްފައިވެއެވެ. އަދި އެ ކަންކަމަކީ ހޮސްޕިޓަލްގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ދިން 'ޑަބަލް ޓެޕް' ހަމަލާތަކުގެ ހެކިތައްކަން ބަޔާންކޮށްފައިވެއެވެ. ކޮންމެ އަމަލަކުންވެސް ބިރުވެރި ހަގީގަތެއް ހާމަވެއެވެ: އިސްރާއީލުން ހަމައެކަނި ފަލަސްތީނު މީހުން ޝަހީދު ކުރަނީކީއެއް ނޫނެވެ. އެމީހުން ސަލާމަތްކުރަން މަސައްކަތްކުރާ މީހުންވެސް ނިޒާމީ ގޮތެއްގައި ޝަހީދު ކުރަމުން ދަނީއެވެ. މިކަމުގެ މެސެޖަކީ ސާފު މެސެޖެކެވެ: ސިއްހީ ދާއިރާގެ މީހުން ބަޔަކަށް އެހީތެރިވާން މަސައްކަތްކޮށްފިނަމަ، އެމީހުން ނައްތާލެވޭނެ ކމެވެ."
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިހާތަނަށް 1,500 އަށްވުރެ ގިނަ ސިއްހީ އެހީތެރިން ޝަހީދު ކޮށްފައިވެއެވެ. މީގެ ތެރޭގައި އޮކްޓޯބަރު މަހު އިއުލާންކުރި ހަމަލަަތއް ހުއްޓާލުން ކަމަށް ބުނާ އޮޅުވާލުމަށް ފަހު ޝަހީދުވި މީހުންވެސް ހިމެނެއެވެ.
އަލްޖަޒީރާއާއި ހިންދު ރަޖަބް ފައުންޑޭޝަން އަދި އެހެނިހެން މީޑިއާ އިދާރާތަކުން ކުރިން ކޮށްފައިވާ ތަހުގީގުތަކަށް ބިނާކޮށް 'އަވާޒް' އިން ބުނަނީ، މި ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއް ކަން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އެ ޖަމާއަތްތަކުން މިހާރު ދަނީ މިކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު އަށް ގޮވާލަމުންނެވެ.
ހިނދު ރަޖަބްއާއި އާއިލާ ޗަހީދު ކުރުމަށްފަހު އިސްރާއީލު ސަރުކާރުން ފުރަތަމަ ބުނީ އެ ވަގުތު އެ ސަރަހައްދުގައި ޔަހޫދީ ދައުލަތުގެ އެއްވެސް ސިފައިންގެ މީހަކު ނެތް ކަމަށެވެ. ނަމަވެސް ފަހުން ބުނެފައިވަނީ ހިންދު ރަޖަބް އާއިލާގެ ކާރުން ފެނުނު 335 ވަޒަނުގެ ލޯވަޅަކީ އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކެއްގެ ނަތީޖާއެއް ކަމަށެވެ.
އެހެންނަމަވެސް، ޔުނިވާސިޓީ އޮފް ލަންޑަންގެ ގޯލްޑްސްމިތްސްގައި ހުންނަ 'ފޮރެންސިކް އާކިޓެކްޗާ' ރިސާޗް ގްރޫޕުން ވަނީ ޔަހޫދީންގެ ދޮގު ސާބިތުކޮށްދީފައެވެ. އެ ޔުނިވާސިޓީގެ ރިސާޗުން އެ ދުވަހުގެ ސެޓެލައިޓް ފޮޓޯތަކާއި އޯޑިއޯ ތަހުގީގު ކުރުމަށްފަހު ހާމަކުރި ގޮތުގައި، އެ ކާރު އޮތް ސަރަހައްދުގައި އޭރު ތިބީ އިސްރާއީލުގެ މެރްކާވާ މަރުކާގެ ޓޭންކުތައް އެކަންޏެވެ. ފަލަސްޠީނު މީހުންނާ ދެމެދު ހަމަލާ ބަދަލުކުރެވުނު ކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.
ހިންދު ރަޖަބް ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ:
"މިކަމުގައި ޒިންމާވާންޖެހޭ 24 މީހެއްގެ ނަން އަޅުގަނޑުމެންނަށް އެނގެއެވެ. އެމްބިއުލާންސަށް ދިން ހަމަލާއާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި 'އަވާޒް' އާއެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ."
ހިންދު ރަޖަބް ޝަހީދުކޮށްލަން އޯޑަރު ދިނީ ޔަހޫދީންނާއެކު އުޅުނު އެމެރިކާ ސިފައިންގެ މީހެއް
ހިންދު ރަޖަބް ފައުންޑޭޝަނުގެ ޝަކުވާއާ ގުޅިގެން އިޒްރޭލު ވަޒީރުގެ ބްރަސެލްސް ދަތުރު ކެންސަލްވެއްޖެ
އިންޑިއާ: އިސްރާއީލު ދެކެ ބިރުން ހިންދު ރަޖަބު ފިލްމު ދެއްކުން މަނާކޮށްފި
ހިންދު ރަޖަބްގެ ވާހަކަ ކިޔައިދޭ ފިލްމަށް ވެނިސް ފިލްމް ފެސްޓިވަލްގައި ހޫނު މަރުހަބާއެއް
ހިންޖު ރަޖަބްގެ ޤަތުލުއާންމުގައި ބައިވެރިވި ލޭ ބޯ ޔަހޫދީން ހޯދައިފި
ޖަރުމަނަށް ނިސްބަތްވާ ހަނގުރާމައިގެ ޖަރީމާ ހިންގި ޔަހޫދީއަކާ ދެކޮޅަށް ދައުވާކޮށްފި
އިޒްރޭލުގެ ޖެނެރަލަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ޝަކުވާ ހުށަހަޅައިފި





