މިޞްރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީ، އިއްޔެ ބުދަ ދުވަހު އެޓޮމިކް އެނާޖީ އިންޖިނިއަރެއް ކަމަށްވާ ލައިލާ އިބްރާހީމްއާ ބައްދަލު ކުރައްވައިފިއެވެ. ލައިލާގެ ވާހަކައަކީ، ބިކަވެ ގެއިން ނެރެލައި ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި ނިދަންޖެހުމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ވާހަކައެކެވެ.
މިޞްރުގެ ރިޔާސަތުން ބުދަ ދުވަހު ބޭއްވި "މިޞްރުގެ މަންމަ އަދި ނަމޫނާ މަންމަ" ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އިންޖިނިއަރު ލައިލާ އިބްރާހީމް ބައިވެރިވި އިރު، ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ އުފުލި ދަތި އުނދަގޫތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސް ވަނީ އޭނާއަށް ޚާއްޞަ އިޙްތިރާމެއް އަދާކުރައްވާފައެވެ.

ޢުމުރުން 66 އަހަރުގެ އިންޖިނިއަރު ލައިލާއަށް މި ހިތްދަތި ޙާލަތު ކުރިމަތިވީ، އޭނާ ދިރިއުޅުނު ތަނާއި އަމިއްލަ ތަކެތި ގެއްލި، އަދި ލިބުނު އަނިޔާއެއްގެ ސަބަބުން މުޅިން ނުކުޅެދުންތެރިވެ، ދުވާރު މަތީގައި ދިރިއުޅެން މަޖުބޫރުވުމާ ގުޅިގެންނެވެ.
މި އަންހެންމީހާ ވަނީ ގިނަ އަހަރުތަކެއް ވަންދެން އަންޝާޞް ސިޓީގެ އެޓޮމިކް އެނާޖީ އޮތޯރިޓީގައި މަސައްކަތްކޮށްފައެވެ. އޭނާ މަގުމަތިވީ، ކުލި ބޮޑުކުރުމާ ގުޅިގެން ގޭގެ ވެރިފަރާތާ ޖެހުނު މައްސަލައެއްގައި އޭނާ ދިރިއުޅުނު އެޕާޓްމަންޓުން އޭނާ ބޭރު ކުރުމުންނެވެ.
![]()
ސޯޝަލް މީޑިއާގައި އޭނާގެ ވާހަކަ ފެތުރުމާއެކު، މިނިސްޓްރީ އޮފް ސޯޝަލް ސޮލިޑަރިޓީ އާއި ރެޕިޑް އިންޓަވެންޝަން ޓީމުން ވަނީ އޭނާއަށް އެހީތެރިވެ، ޖީޒާ ސިޓީގެ ކެއާ ހޯމްއެއްގައި ބޯހިޔާވަހިކަން ހޯދައިދީ، ބޭނުންވާ ޞިއްޙީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސޯޝަލް ސޮލިޑަރިޓީ މިނިސްޓަރު މާޔާ މުރްސީ ވަނީ އެ ތަނަށް ޒިޔާރަތްކުރައްވައި އޭނާގެ ޙާލު ބައްލަވާފައެވެ. މިއީ ދައުލަތުން އޭނާގެ ވާހަކައަށް ދިން އަހައްމިއްޔަތު ހާމަކޮށްދިން އިންސާނީ އަމަލެކެވެ. އަދި އިއްޔެ އޭނާ ވަނީ މިޞްރުގެ އަންހެނުންގެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ޢަބްދުލްފައްތާޙް އައްސީސީއާއެކު އެއް ސުފުރާއެއްގައި ބައިވެރިވެފައެވެ.






