މިސްރުގެ މިނިސްޓްރީ އޮފް ލޭބަރ އިން ވަނީ މަސައްކަތުގެ ބާޒާރުގައި ކުޑަކުދިން ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ހަރުދަނާ އާ ގަވާއިދުތަކެއް ކަނޑައަޅައި އިއުލާންކޮށްފައެވެ. މި ނިންމުމަކީ މިސްރުގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުޑަކުދިން މަސައްކަތްކުރުވުމާއި ތަމްރީނު ދިނުން ތަރުތީބުކުރުމަށް ނިންމި ނިންމުމެކެވެ.
އާ ގަވާއިދުގައިވާ ގޮތުން، އަސާސީ ތައުލީމު ފުރިހަމަނުކުރާ ނުވަތަ އުމުރުން 15 އަހަރު ނުފުރޭ ކުދިން މަސައްކަތުގެ މާހައުލުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. ނަމަވެސް، އުމުރުން 14 އަހަރުން ފެށިގެން ފަންނީ ތަމްރީނުތައް ދިނުމުގެ ހުއްދަ ވަނީ ދީފައެވެ. އެއީ އެކުދިން ތަމްރީނުވާ މާހައުލަކީ ރައްކާތެރި، އަދި އެކުދިންގެ ސިއްހަތަށާއި ތައުލީމަށް ބުރޫނާރާނެ ފަދަ ތަނަކަށް ވާނަމައެވެ.
އުމުރުން 15 އަހަރުން މަތީގެ ކުދިން ލައްވައި މަސައްކަތްކުރުވާނަމަ، ދުވާލަކު އެންމެ ގިނަވެގެން މަސައްކަތް ކުރެވޭނީ 6 ގަޑިއިރަށެވެ. މީގެ އިތުރުން، އެއްވެސް ބާވަތެއްގެ އިތުރުގަޑީގެ މަސައްކަތް ކުރުވުމާއި، ރަސްމީ ބަންދު ދުވަސްތަކާއި ހަފްތާ ބަންދުގައި މަސައްކަތް ކުރުވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 7 އިން ހެނދުނު 7 އާ ދެމެދު ކުޑަކުދިން މަސައްކަތް ކުރުވުމަކީވެސް މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.
މި ގަވާއިދުގައި ކުޑަކުދިން ކުރުން މަނާ ނުރައްކާތެރި މަސައްކަތްތަކުގެ ލިސްޓެއް ވެސް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި މައިންތަކާއި ގައު އަޅާ / ގައު ނަގާ ތަންތަނުގައި މަސައްކަތްކުރުމާއި، ތާރު އެޅުމުގެ މަސައްކަތާއި، ކެމިކަލް އަދި ނުރައްކާތެރި ކުނި މެނޭޖްކުރުން ހިމެނެއެވެ. އަދި ކުދިންގެ ހަށިގަނޑުގެ ބާރުގަދަކަމާ ނުބައްދަލު ބަރުދަންތައް އުފުލުން ވެސް ވަނީ މަނާކޮށްފައެވެ.
މިސްރުގެ ލޭބަރ މިނިސްޓްރީން ބުނި ގޮތުގައި، މި ނިންމުމަކީ ކުޑަކުދިންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ވެފައިވާ އިލްތިޒާމް ހާމަކޮށްދޭ ކަމެކެވެ. މީގެ މައިގަނޑު މަގްސަދަކީ ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، އިގްތިސާދީ ގޮތުން އެކުދިންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމެވެ.







