ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވެބިނާއެއް ބާއްވަނީ

ހަނގުރާމަތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމަށް މަޝްވަރާކުރުމަށް ވިޒިޓް މޯލްޑިވްސް އިން ޚާއްޞަ ވެބިނާއެއް ބާއްވަން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.

"ދި ކޮންފްލިކްޓް ޕްލޭބުކް ފޯރ ޓްރެވެލް – އެޑެޕްޓް، ޕިވެޓް ލެޑް މޯލްޑިވްސް އެޑިޝަން" ގެ ނަމުގައި ބާއްވާ މި ވެބިނާ އޮންނާނީ މި އޭޕްރީލް މަހުގެ 9 ވާ އަންގާރަ ދުވަހުގެ މެންދުރު ރާއްޖެ ގަޑިން 1:00 ގައެވެ. މި ޙަރަކާތަކީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.

މި ވެބިނާ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ހަނގުރާމަތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއެރުމާއި، ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމެވެ.

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔު.ޓީ.ޓީ.ސީ) އިން އަންދާޒާކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ދަނީ ލިބެމުންނެވެ.  ހަނގުރާމައިގެ ސަބަބުން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު މިހާރު ވަނީ 50 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. މި ގޮންޖެހުމުން އަރައިގަތުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ އިދާރާތަކަކުން މި ވެބިނާގައި ބައިވެރިވުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ އެދިފައެވެ.

މި ވެބިނާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ލިންކެއް މެދުވެރިކޮށް މިހާރު ރެޖިސްޓްރީ ކުރެވޭނެއެވެ. މި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އާ އުކުޅުތަކާއި ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!