ފޮޓޯ: އެވިއޭޓާރޒް މޯލްޑިވްސް
ފޮޓޯ: އެވިއޭޓާރޒް މޯލްޑިވްސް

މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އަންނަ މަހުގެ 17 ގައި ފަށަނީ

ޤައުމީ އެއާލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ކުރާ ދަތުރުތައް އަންނަ މޭ މަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ. މިއީ މޯލްޑިވިއަނުން މުޅިން އަލަށް ފަށާ ދަތުރުތަކެކެވެ.

އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ރާއްޖެއިން އޮސްޓްރޭލިއާއަށް ކުރާ ފުރަތަމަ ދަތުރު މޭ 17 ގައި އޮންނާނެއެވެ. އަދި މި ފްލައިޓް އަނބުރާ ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 19 ވަނަ ދުވަހުއެވެ. މި ދަތުރުތައް ހަފުތާއަކު އެއް ފަހަރު ބޭއްވުމަށް ނިންމާފައިވާއިރު، ފަސިންޖަރުންގެ ޑިމާންޑަށް ބެލުމަށްފަހު ދަތުރުތައް އިތުރުކުރުމަށް ވަނީ ރޭވިފައެވެ.

މި ދަތުރުތަކަކީ ދެ ޤައުމުގެ ދެމެދުގައިވާ "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ. އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ސީދާ ދަތުރުތައް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.

އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު އެކަނިވެސް އެ ޤައުމުން 6,526 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.4 އިންސައްތައިގެ ކުރިއެރުމެކެވެ. މޯލްޑިވިއަންގެ މި ސީދާ ދަތުރުތަކާއެކު އޮސްޓްރޭލިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!