މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ގިނަ ފްލައިޓުތަކެއް ކެންސަލްވެއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މަސްރަހު ނުތަނަވަސްވެ، ރާއްޖެއަށް އައުމަށް މިއަދު ޝެޑިއުލްކޮށްފައިވާ ގިނަ ފްލައިޓުތަކެއް ކެންސަލްވެއްޖެއެވެ. މި ކެންސަލޭޝަންތަކާއެކު ރާއްޖެއަށް ފަތުރުވެރިން އައުމަށް ހަމަޖެހިފައިވާ ޖުމުލަ 4,000 އަށްވުރެ ގިނަ ގޮނޑި ވަނީ ހުސްވެފައެވެ.

އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުގެ ގިނަ ދަތުރުތަކެއް މިއަދު ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި ދުނިޔޭގެ ނަންމަޝްހޫރު އެއާލައިންތައް ކަމަށްވާ އެމިރޭޓްސް، ފްލައި ދުބާއީ، ޤަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް، ގަލްފް އެއާ އަދި އެއާ އެރޭބިއާ ހިމެނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ދަތުރު ކެންސަލްވެފައިވަނީ ފްލައި ދުބާއީންނެވެ. އެ އެއާލައިންގެ ފަސް ދަތުރެއް ކެންސަލްވެފައިވާއިރު، އެމިރޭޓްސްގެ ތިން ދަތުރެއް އަދި ޤަތަރު އެއާވޭސްގެ ތިން ދަތުރެއް ވަނީ ކެންސަލްވެފައެވެ. މީގެ އިތުރުން އެއާ އެރޭބިއާ އާއި ގަލްފް އެއާގެ ދެ ދަތުރު އަދި އިއްތިހާދު އެއާވޭސްގެ އެއް ދަތުރު ވެސް ވަނީ ކެންސަލްކޮށްފައެވެ.

މެދުއިރުމަތިން ރާއްޖެ އަންނަ ފްލައިޓުތައް ކެންސަލްވަމުންދާތީ، އޭގެ ސަބަބުން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކި ރޫޓުތައް ބޭނުންކޮށްގެން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށާއި، ރާއްޖެއަށް ދަތުރުކުރާ އިތުރު އެއާލައިންތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!