ދަގަނޑުގެ ސިނާއަތުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން އިންޑިއާ އާއި ރަޝިއާއިން މަޝްވަރާކޮށްފި

ދަގަނޑުގެ ސިނާއަތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އިންޑިއާ އާއި ރަޝިއާއިން ނިއުދިއްލީގައި މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވަނީ ސިނާއީ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ސްޓީލް ސެކްރެޓަރީ އާއި ރަޝިއާގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް ޓްރޭޑް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދަގަނޑު އުފެއްދުމަށް ބޭނުންވާ ރޯ މެޓީރިއަލް ހޯދުމާއި، ޓެކްނޮލޮޖީ ހިއްސާކުރުމާއި، މެޝިނަރީ އުފެއްދުމުގެ އިތުރުން މި ދާއިރާއިން ދިރާސާތައް ކުރުމުގައި އެއްބާރުލުން ދިނުމުގެ މައްޗަށެވެ.

މި ރައުންޑްޓޭބަލް ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައި ސިނާއީ ގުޅުންތައް ފުޅާކޮށް، މެދުކެނޑުމެއް ނެތް ސަޕްލައި ޗެއިންއެއް ގާއިމުކުރުމެވެ. އަދި ދަގަނޑުގެ ސިނާއަތުގައި ދިގު މުއްދަތުގެ އެއްބާރުލުން ގާއިމުކުރުމަށްޓަކައި ހުރި ފުރުސަތުތައް ދެނެގަތުމަކީވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެއް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ހަކަތައާއި، މައުދަނާއި، އަދި އުފެއްދުންތެރިކަމުގެ ސިނާއަތްތައް ހިމެނޭހެން، ސްޓްރެޓީޖިކް ދާއިރާތަކުން އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

ހިއްސާ ކުރައްވާ!