ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީ) ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، މާލީ ނިޒާމު ހަރުދަނާކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އަންގައިފިއެވެ. މިކަން ބަޔާންކޮށް ފައިނޭންސް މިނިސްޓްރީން ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް (ޕީ.ސީ.ބީ) ސިޓީއެއް ފޮނުވާފައެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމާއެކު ހިންގުން ހަރުދަނާކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކަކީ މިވަގުތު ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އިއްޔެ ޕީސީބީއަށް ފޮނުވި ސިޓީއެއްގައި ކުންފުނިތަކުގެ މަސައްކަތް ހަރުދަނާކޮށް، ހިންގުން ރަނގަޅުކުރުމަށާއި، އިންސާނީ ވަސީލަތްތައް ރަނގަޅު ގޮތުގައި މެނޭޖުކުރުމަށްޓަކައި މާލީ ގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ކުންފުނިތަކުގެ ހިންގުން ބިނާކުރުމަށް ބާރުއެޅުމަށް ފިޔަވަޅުތަކެއް އަޅަން ކުންފުނިތަކަށް އެންގުމަށް އިރުޝާދު ދީފައިވެއެވެ.
"ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތަޢުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށްވެސް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ. މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ." ފިނޭންސް މިނިސްޓްރީ
ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް ފޮނުއްވި މި ސިޓީގައި ބަޔާންކޮށްފައިވަނީ، ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކުރުމަށާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. މީގެ ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގައި ތަޢުލީމީ ފެންވަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން ހޮވާ 'މެރިޓް ބޭސްޑް' އުސޫލު ހަރުދަނާކުރުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
"ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައެވެ.
ފައިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ނިންމުންތަކަކީ ދައުލަތުގެ މާލީ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތައް ބައްޓަންކުރުމަށާއި، ދިގު މުއްދަތަކަށް ކުންފުނިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެކެވެ. މީގެ ސަބަބުން އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވި، މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މިނިސްޓްރީން ދެކެއެވެ.
މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށާއި، ފައިސާ ޚަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީ.ސީ.ބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ކަންތައްތަކެކެވެ. ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިޚްތިޔާރީ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ.





