ޗައިނާގެ ޒިއާންގައި ކުރިއަށްދިޔަ ރޫޓްސް އޭޝިއާ 2026 ކާމިޔާބުކަމާއެކު ނިންމާލިއިރު، މިއީ ރާއްޖޭގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާއިން ހޯދި ތާރީޚީ ކުރިއެރުމެއް ކަމަށް ބައިވެރިން ސިފަ ކުރެއެވެ. އޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ އޭވިއޭޝަން ފޯރަމްގައި ރާއްޖެ ތަމްސީލުކުރާ ރަސްމީ ސްޓޭންޑެއް މި ފަހަރުވެސް ވަނީ ބަހައްޓާފައެވެ. މި ކާމިޔާބީއާ ގުޅިގެން އައި.އެޗް.ޓީ.އޯ އިން ވަނީ ރޫޓްސް އޭޝިއާ 2027 ގައި ބައިވެރުިވުމަށް "މޯލްޑިވްސް ޕެވިލިއަން" އިއުލާނުކޮށްފައެވެ.
ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލާއެކު، ފަތުރުވެރިކަމާއި މަދަނީ އުދުހުން އެއް ވުޒާރާއެއްގެ ދަށަށް ބަދަލުކުރައްވައި، "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން" އުފެއްދެވުމުން ގައުމުގެ އެންމެ މުހިންމު ދެ ދާއިރާ އެއް ސްޓްރެޓީޖިކް އަމާޒެއްގެ ދަށުން ހިންގުމަށް ވަނީ މުހިންމު ފިޔަވަޅެއް އަޅާފައެވެ. ރޫޓްސް އޭޝިއާ 2026 އަކީ އެއާލައިންތަކާއި، އެއާޕޯޓްތަކާއި، ފަތުރުވެރިކަމުގެ އިދާރާތަކުގެ އިތުރުން ސިނާއަތުގެ އިސްވެރިން ބައްދަލުވެ، ވައިގެ ދަތުރުފަތުރުގެ ގުޅުންތަކާއި މާކެޓްގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާކުރާ މުހިންމު ފޯރަމެކެވެ. މި ހަރަކާތުގައި ބައިވެރިވެ ހޯދި ކާމިޔާބީން ދޭހަކޮށްދެނީ، ބައިނަލްއަގުވާމީ މައިދާންތަކުގައި ރާއްޖޭގެ ބައިވެރިވުން މެދުނުކެނޑި އޮތުމުގެ މުހިންމުކަމެވެ.
ރާއްޖެއިން ރޫޓްސް އޭޝިއާ 2026 ގައި ބައިވެރިވުން އިތުރަށް ފުރިހަމަވެގެންދިޔައީ، ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު މި އިވެންޓްްގައި ބައިވެރިވެވަޑައިގަތުމުންނެވެ. ސަފީރު ވަނީ ރޫޓްސް އޭޝިއާ 2026 ގެ މަރުހަބާ ކިޔުމުގެ ހަފުލާގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވައި އެއާލައިންތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވާފައެވެ.
ރޫޓްސް އޭޝިއާ 2026 އަކީ ގުޅުންތައް ބަދަހިކުރުމަށް ރާއްޖެއަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އެ ގޮތުން.
- އެއާލައިންތަކުގެ ސީ.އީ.އޯ އިންނާއި ރޫޓް ޕްލޭނަރުން
- އެއާޕޯޓް އެގްޒެކެޓިވުން
- ޓޫރިޒަމް ބޯޑުތަކާއި ފަތުރުވެރިކަމުގެ ބައިވެރިން
- އިންވެސްޓަރުންނާއި ޑިވެލޮޕަރުން
- އޭވިއޭޝަން ސަޕްލަޔަރުންނާއި ޚިދުމަތްދޭ ފަރާތްތައް
- މީޑިއާ އަދި ސިނާއަތުގެ މާހިރުން
މި ހަރަކާތުގެ ތެރެއިން ރިޔާޟު އެއާ، ވިއެޓްނާމް އެއާލައިންސް، ސެބޫ ޕެސިފިކް އަދި ޗައިނާގެ ލީޑިންގް އެއާލައިންތަކާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނެވެ. މީގެ ތެރެއިން ގިނަ އެއާލައިންތަކަކުން ވަނީ ކުރިމަގުގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މީގެ އިތުރުން، އެއާޕޯޓް ތަރައްގީކުރުމާއި، ހޮޓާ އަދި ރިސޯޓް އިންވެސްޓްމަންޓްތަކަށް ޝައުގުވެރިވާ ޗައިނާގެ އިންވެސްޓަރުންނާވެސް ރާއްޖޭގެ ވަފުދުން ބައްދަލުކުރިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީގެ މުސްތަގުބަލަށް އޮތް އިތުބާރު ހާމަވާ ކަމެކެވެ.

ރާއްޖޭގެ އަމިއްލަ ޖަމުއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ) އިން ވަނީ ޒިއާންގެ މައި މީޑިއާ ނެޓްވޯކްތަކަށް އިންޓަވިއު ދިނުމާއި، ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ސެޝަންތަކާއި، ސްޓްރެޓީޖިކް މީޓިންގތަކުގައި ބައިވެރިވެ، އޭޝިއާގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ މުސްތަގުބަލާ ބެހޭ މައުލޫމާތުތައް ހޯދާފައެވެ.
އައި.އެޗް.ޓީ.އޯގެ މެނޭޖްމަންޓުން ވަނީ މި އިވެންޓްގައި ލިބުނު ކުރިއރުމަށް މަރުހަބާ ވިދާޅުވެފައެވެ.
"ރޫޓްސް އޭޝިއާ 2026 ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވުމަށް މަގުފަހިކޮށްދިނުމުގައި އެހީތެރިވެވުނީތީ އަޅުގަނޑުމެން ފަޚުރުވެރިވަން. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށާއި، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމަށް އެހީތެރިވުން. މި ހަރަކާތުގެ ސަބަބުން ކުރިމަގުގެ ސްޓްރެޓީޖީތައް އެކުލަވާލުމަށް ބޭނުންވާ މާކެޓް މައުލޫމާތާއި ޑޭޓާ ވަނީ ލިބިފައި. 2027 ގައި މިއަށްވުރެ ބޮޑު މޯލްޑިވްސް ޕެވިލިއަންއެއް ދައްކާލުމަށް އަޅުގަނޑުމެން މިތިބީ ފުރިހަމަ އިތުބާރާއެކު ތައްޔާރަށް." އައި.އެޗް.ޓީ.އޯގެ މެނޭޖްމަންޓުން ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
ރޫޓްސް އޭޝިއާ 2026 ގައި ރާއްޖޭގެ ސްޓޭންޑްގެ ރަސްމީ ޕާޓްނަރަކީ، މެންހަޓަން ގްރޭންޑް ހޮޓެލް އެވެ.
"ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މި ދަނޑިވަޅުގައި ރޫޓްސް އޭޝިއާގައި ބައިވެރިވުމަށް އެހީތެރިވެވުނީތީ އަޅުގަނޑުމެން ފަޚުރުވެރިވަން. މީގެ ސަބަބުން މުހިންމު އެޔާރލައިންތަކާއެކު ގާތުން މަސައްކަތްކުރުމަށް މަގުފަހިވެ، ފަތުރުވެރިކަން ކުރިއެރުވުމުގައި އޭވިއޭޝަންގެ މުހިންމުކަން އިތުރަށް ހާމަވެގެންދިޔަ. މި ހަރަކާތުގެ ތެރެއިން މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް ކަމަށްވާ ޒިއާމެން އެއާލައިންސް، ބަޓިކް އެއާ، މެލޭޝިއާ އެއާލައިންސް، ޗައިނާ އީސްޓަން އަދި އިންޑިގޯއާއެކު މަޝްވަރާކުރެވުނު. އަދި އަލަށް ދަތުރު ފެށުމަށް ނުވަތަ އަލުން ފެށުމަށް މަޝްވަރާކުރަމުންދާ ރިޔާޟު އެއާ، ސެބޫ ޕެސިފިކް، ވިއެޓްރެވަލް އެއާލައިންސް، ޗައިނާ ސަދަން އަދި ގަރޫޑާ އިންޑޮނީޝިއާ އިން ދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއެކު މަޝްވަރާ ކުރެވުނު. އޭވިއޭޝަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމަށްވާއިރު، އެއާލައިންތަކާއި، އެއާޕޯޓް އޮޕަރޭޓަރުންނާއި، ސިނާއަތުގެ ބައިވެރިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަކީ ދެމެހެއްޓެނިވި ކުރިއެރުމަކަށް ކޮންމެހެން ބޭނުންތެރި ކަމެއް." މެންހަޓަން ގްރޭންޑް ހޮޓެލްގެ ސީ.އޯ.އޯ އަލީ ނާހިޒް ވިދާޅުވިއެވެ.
"ވިޒިޓް މޯލްޑިވްސް އިޔަރ 2027″ އަށް ރާއްޖެ ތައްޔާރުވަމުންދާއިރު، ރޫޓްސް އޭޝިއާ 2027 ގައި ބަހައްޓާ މޯލްޑިވްސް ޕެވިލިއަން ވެގެންދާނީ މިއަށްވުރެ ބޮޑު، ފާހަގަކޮށްލެވޭ އަދި ނަތީޖާ ނެރެދޭނެ ހަރަކާތަކަށް ކަމަށް އައި.އެޗް.ޓީ.އޯއިން ބުނެއެވެ.


