ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ކާރު ލިބި، ރަޖިސްޓްރޭޝަންގެ މައްސަލަތަކާ ހުރެ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އިންސާފުވެރި އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ހއ. ދިއްދޫ މުތީގެ، އަލްފާޟިލް އާދަމް ސަލީމް މީސްމީޑިއާގައި މިނިސްޓަރަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބުގައެވެ. އާދަމް ސަލީމްގެ ސިޓީގައި ފާހަގަކޮށްފައިވަނީ ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ކުރުން ލަސްވުމުގެ ސަބަބުން، އާމްދަނީއެއް ނުލިބި ލޯނު ދައްކަން ޖެހުމުން ކުރިމަތިވާ ތަކްލީފުތަކެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުން ކަމަށެވެ.
"ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް،" މިނިސްޓަރުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
އާދަމް ސަލީމް ވަނީ 4 ކަމެއް ފާހަގަ ކޮށްފައެވެ:
- ލޯނު ދޫކުރި ފަރާތްތަކާ ގުޅިގެން، ކާރު ރަޖިސްޓަރ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުން.
- ކާރުތައް ރަޖިސްޓަރ ކުރުމުގެ ކަންކަން އަވަސްކޮށްދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ފިޔަވަޅު އެޅުއްވުން.
- ރަޖިސްޓްރޭޝަން ލަސްވަނީ ލޯނު ނެގި ފަރާތްތަކުގެ އިހުމާލުން ނޫންކަން ކަށަވަރު ކުރެވި، ލޯނުދެއްކުމުގެ ޒިންމާ ލޯނު ނެގި ފަރާތްތަކުގެ ބޮލުގައި ނޭޅޭ ގޮތަށް ކަންކަން ތަރުތީބު ކޮށްދެއްވުން.
- ލޯނު ސްކީމްގެ ދަށުން ކާރު ލިބިފައިވާ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ހައްލެއްލިބިދިނުމަށް ގޮތެއް ނިންމަވައިދެއްވުން.
މީގެ އިތުރުން، މި ކަންކަމާ ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދެއްކުމަށް، ވަޒީރާ ބައްދަލުކުރުމުގެ ފުރުޞަތެއް ދެއްވުމަށް ވެސް އޭނާ ވަނީ ދަންނަވާފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ސައީދު ވިދާޅުވީ، ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކާއި ހައްލުތައް ހޯދުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް މި މައްސަލަތައް ބަލައިދިނުމަށް މިހާރު ދަންނަވާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.





